އަންނަ ސީޒަން ފެށުމުގެ ކުރިން ކޯޗު މަސިމިލިއާނޯ އަލެގްރީއާ މެދު ޔުވެންޓަސް އިން ގޮތެއް ނިންމާނެ ކަމަށް ރިޕޯޓުކޮށްފިއެވެ.
ކުޅުންތެރިންގެ ޓްރާސްފާތަކުގެ އޮޅުވާލާފައިވާ ކަމަށް ނިންމައި، މިދިޔަ ހޯމަ ދުވަހު ކޯޓުން ވަނީ އިޓާލިއަން ސެރީއާ އިން ޔުވެންޓަސްގެ ދިހަ ޕޮއިންޓް އުނިކޮށްފައެވެ. އެކަމާ ގުޅިގެން ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ވެސް ޔުވެންޓަސްއަށް ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ.
މީގެ ކުރިން ވެސް ޔުވެންޓަސްއަށް އިރުޝާދުދީ، ކާމިޔާބީތަކެއް ހޯދައިދީފައިވާ އަލެގްރީ، މީގެ ދެ އަހަރު ކުރިން އަލުން އެ ކްލަބާ ހަވާލުވި ފަހުން އެއްވެސް ކާމިޔާބީއެއް ހޯދައިދެވިފައިނުވުމުން، ޔުވެންޓަސްގެ ބޯޑުން އޭނާ ދުކޮށްލުމާ މެދު ކުރިއަށްއޮތް ދުވަސްތަކުގައި ގޮތެއް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކުރިއަށްއޮތް ސީޒަން ފެށުމުގެ ކުރިން އަލެގްރީއާ މެދު ގޮތެއް ނިންމައި، ކްލަބަށް ބޮޑު ބަދަލެއް ގެންނާނެއެވެ. އެ ބަދަލުގެ ތެރެއިން ކޯޗުގެ މަގާމުގެ އިތުރުން ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަލްގްރީ ވަނީ ޔުވެންޓަސްގެ ކޯޗުކަމާ ފުރަތަމަ ހަވާލުވި ދުވަސްވަރު އެކްލަބަށް އިޓާލިއަން ސެރީއާގެ އިތުރުން އެހެން މުބާރާތްތަކުގައި ވެސް ކާމިޔާބީތަކެއް ހޯދައިދީފައެވެ. އަލެގްރީ ވަނީ 2014 އިން ފެށިގެން ފަސް އަހަރުގެ ތެރޭގައި ޔުވެންޓަސްއަށް ކޮންމެ ސީޒަނެއްގެ ވެސް އިޓާލިއަން ސެރީއާ ކާމިޔާބުކޮށްދީފައެވެ. އޭގެ އިތުރުން ހަތަރު ސީޒަނެއްގައި ޔުވެންޓަސްއަށް ކޮޕާ އިޓާލިއާ ހޯދައިދީ، ދެ ސީޒަނެއްގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިދިނެވެ.
ޔުވެންޓަސްގެ ދިހަ ޕޮއިންޓް އުނިކުރުމުން އެ ކްލަބަށް އަންނަ ސީޒަންގެ ޔޫރޮޕާ ލީގުން ވެސް ފުރުސަތު ގެއްލުމުގެ ބިރު އޮންނާނެއެވެ. ޕޮއިންޓް އުނިކުރުމުން ސެރީއާގެ ޕޮއިންޓް ތާވަލުގައި ޔުވެންޓަސް މިހާރު އޮތީ ކުޅުނު 36 މެޗުން ލިބުނު 59 ޕޮއިންޓާއެކު ހަތްވަނައިގައެވެ.