އޭރުގެ ކޮމަންވެލްތާއި މިހާރުގެ ކޮމަންވެލްތާ ވަރަށް ތަފާތު: މައުމޫން

ކުރީގެ ކޮމަންވެލްތާއި މިހާރުގެ ކޮމަންވެލްތާ ވަރަށް ތަފާތު ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަލްމަރުހޫމް އަލްއުސްތާޒް ފަތުހުﷲ ޖަމީލުގެ ހަނދާނުގައި، ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަމުން މައުމޫން ރޭ ވިދާޅުވީ ކުރީގެ ކޮމަންވެލްތަކީ ކުޑަ ގައުމުތަކަށް ވަރަށް އެހީވެދޭ ޖަމާއަތެއް ކަމަށާއި ނަމަވެސް މިހާރުގެ ކޮމަންވެލްތުގެ ސަބަބުން މިދަނީ ބޮޑެތި ގައުމުތަކުގެ ނުފޫޒް ކުޑަ ގައުމުތަކުގެ މައްޗަށް ފޯރުކުރަމުން ކަމަށް މައުމޫން ވިދާޅުވި އެވެ.

"ކުދި ގައުމުތަކުގެ ފަރާތުން ކޮމަންވެލްތުން ދުނިޔޭގެ އެހެން ތަންތާނގައި ވަކާލާތުކުރުމުގެ ފުރުސަތު އޭރު އޮތް. އެހެންވީމާ، އެ ބޭނުމަށް ޓަކައި އަޅުގަނޑުމެން ފުރަތަމަ ކޮމަންވެލްތުގެ ފުރިހަމަ މެމްބަރަކަށް ދިވެހިން ހެދީ. ނަމަވެސް މިހާރު ކޮމަންވެލްތް ވަރަށް ތަފާތު،" މައުމޫން ވިދާޅުވި އެވެ.

މައުމޫން މިމޭރުމުން ވާކަހަފުޅު ދައްކަވާފައިވާ އިރު ކޮމަންވެލްތާ މެދު ހިތްހަމަނުޖެހިގެން ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުން އެ ޖަމާއަތުން ވަކިވުމަށް އަންނަނީ ގޮވާލައި ވަކާލާތު ކުރަމުންނެވެ.

ކޮމަންވެލްތުގެ މައްޗަށް އަލިއަޅުވާލައްވައި މައުމޫން ވިދާޅުވީ ރާއްޖެއަކީ ކޮމަންވެލްތުގެ އަސްލު ސިފަ ވެސް ލިބިފައިވާ ގައުމެއް ނޫން ކަމަށެވެ. އަދި ކޮމަންވެލްތަކީ އިނގިރޭސީންގެ އަޅުވެތި ކަމުގައި އޮތް ގައުމުތައް ހިއްސާވާ ޖަމާއަތެއް ކަމަށާއި ރާއްޖެއަކީ އިނގިރޭސީންގެ ހިމާޔަތުގައި އޮތް ގައުމެއް ކަމަށެވެ.

"ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގައި އޮތް ދުވަސްވަރު ވެސް، އިންޑިއާ، ލަންކާ ފަދަ ގައުމުތަކުގާ އިނގިރޭސީންގެ ވެރިން ވެސް ތިބި. ނަމަވެސް ރާއްޖޭގައި އިނގިރޭސީންގެ ވެރިއަކު ނެތް،" މައުމޫން ވިދާޅުވި އެވެ.

މައުމޫން އިތުރަށް ވިދާޅުވީ އިނގިރޭސީންގެ ހިމާޔަތުގައި އޮތުމާއި އަޅުވެތިކަމުގައި އޮތުމަކީ ވަރަށް ތަފާތު ދެ ކަމެއް ކަމަށެވެ.

ކޮމަންވެލްތާ ބެހޭ ގޮތުން މި މޭރުމުން ވާހަކަފުޅު މި ދެއްކެވީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގު ކުރުމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފައްދަވާފައިވާ އިންކުއަރީ ކޮމިޝަނަކީ މިނިވަން ކޮމިޝަނެއް ނޫން ކަމަށް ބުނެ، އެ ކޮމިޝަން އަލުން އެކުލަވާލުމަށް ކޮމަންވެލްތުން އިންޒާރު ދީފައިވާ ވަގުތެއްގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު