މީގެ ތިން އަހަރު ކުރިން އިފްތިތާހުކުރި ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭންގެ މަސައްކަތް ނިންމާ ލޯންޗުކުރަން ތައްޔާރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެންމެ ފަހުގެ ޓޫރިޒަމް މާސްޓާ ޕްލޭން ލޯންޗުކުރަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.
އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގައެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދުގެ ވަޒީރުކަމުގައި ފެށި އެ މަސައްކަތައް ބޭނުންވާ ފައިސާ ހަމަނުޖެހުމުން މަސައްކަތް މަޑުޖެހުނެވެ. އެއަށްފަހު ކޮވިޑާ ގުޅިގެން އެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލިއެވެ.
އެއަށްފަހު ތަފާތު އެކި ދަތިތަކުގެ ސަބަބުން އެ މަސައްކަތް ނުކުރެވި އޮއްވާ އެ މަސައްކަތް އަލުން ފެށުނީ 2021 ވަނަ އަހަރު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)ން ވަނީ އެކަމަށް ބޭނުންވާ ފައިސާގެ އެހީއާ އެކީގައެވެ.
މި ޕްލޭނާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އެ މާސްޓާ ޕްލޭނުން ރާއްޖޭގެ ޓޫރިޒަމް މުޅިން އެހެން ލެވަލްއަކަށް ގެންދާނެ ކަމަށެވެ. އަދި އެ ލެވަލްގައި އެންމެ ބޮޑު އިސްކަމެެއް ދެނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ވެރީންނަކީ ދިވެހިންނަށް ހެދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ޕްލޭނާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ ސިނާއަތް ކުރިއެރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.