ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް މަސްކިރުވައިގެން މި އަހަރުގެ މިހާތަނަށް މަސްވެރިންނަށް ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާ އެ ކުންފުނިން ދީފިއެވެ.
މިފްކޯއަށް ކިރުވި މަހުގެ އަދަދާއި ގުޅޭގޮތުން އެކުންފުނިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރުވާފައިވާ މަހަށް ޖުމްލަ 567.03 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 28 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ކިރުވިމަހުން މަސްވެރިންނަށް ދޫކޮށްފައިވަނީ، 430.5 މިލިއަން ރުފިޔާއެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން މަސްކިރުވާފައިވަނީ ގއ. ކޫއްޑޫއަށެވެ. މިއަހަރުގެ މިހާތަނަށް ކޫއްޑޫއަށް 25،887 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާއިރު، މިއީ 435.02 މިލިއަން ރުފިޔާއެވެ.
ދެވަނައަށް އެންމެ ގިނައިން މަސްކިރުވާފައިވަނީ ޅ. އަތޮޅު ފެލިވަރަށެވެ. މި މުއްދަތުގެ ތެރޭގައި ފެލިވަރަށް 4،298 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާއިރު، ފެލިވަރަށް ކިރުވިމަހަށް 66.1 މިލިއަން ރުފިޔާ ޖެހެއެވެ.
މަސްވެރިން އެންމެ މަދުން މަސްކިރުވާފައިވަނީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށެވެ. އެތަނަށް ކިރުވި 3،897 މެޓްރިކް ޓަނުގެ މަހަށް، 65.8 މިލިން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިކަމާ ގުޅޭގޮތުން "ސަން" އާ ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ ފާއިތުވެދިޔަ ތިން އަހަރާ އަޅާބަލާއިރު، މި އަހަރު މަސްވެރިކަން ވަރަށް ރަނގަޅުކަން ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރާއި އަޅާބަލައިރު، މިއަހަރުގެ މިހާތަނަށް މިފްކޯއަށް ކިރުވި މަހުގެ އަދަދު އިތުރުވެފައިވާކަމަށާއި، މީގެ މައިގަނޑު ސަބަބަކީ، މަސްވެރިކަން ރަނގަޅުވުމުގެ އިތުރުން، މަސްކިރުވުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވުނު މަސައްކަތްތައް ކަމަށް ފައުޒީ ވިދާޅުވިއެވެ.
"މިދިޔަ ތިން އަހަރުދުވަހާއި އަޅާބަލާއިރު، މި އަހަރުގެ މެއިމަސް ފާހަގަކުރެވެނީ މަސްވެރިކަން ރަނގަޅުވެ މިފްކޯއަށް ކިރުވާ މަހުގެ އަދަދުވެސް ވަރަށްބޮޑަށް އިތުރުވެގެންދާތަން. ބައެއް ދޯނިތަކުން އެބަގެނޭ 70 ޓަނު ވެސް" ފައުޒީ ވިދާޅުވިއެވެ.
މިފްކޯގެ މަސްކިރުވުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ފެލިވަރު އިތުރަށް ތަރައްޤީ ކުރަމުންދާއިރު، މަސްކިރުވުމަށް އިތުރު ތިން ބޯޓު ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި ތ. ފުނައްޑޫ ތަރައްޤީ ކުރުމަށްޓަކައި ފައިނޭންސް ހޯދުމުގެ މަސައްކަތް ވެސް މިފްކޯއިން އަންނަނީ ކުރަމުންނެވެ.