ސިޓީ ފުރިހަމަ ވާނީ ޗެމްޕިއަންސް ލީގުގެ ތައްޓާއެކު: ގާޑިއޯލާ

މެންޗެސްޓަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ-- ފޮޓޯ: އޭޕީ

ޖެހިޖެހިގެން ތިން ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ނަމަވެސް، މެންޗެސްޓާ ސިޓީ ފުރިހަމަ ވާނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތައްޓާއެކު ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިސީޒަންގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ސިޓީން ވަނީ ހަތް ސީޒަންގެ ޕްރިމިއާ ލީގުގެ ތެރެއިން ފަސް ފަހަރު ޗެމްޕިއަންކަން ހޯދައިފައެވެ. ނަމަވެސް ދުނިޔޭގެ އެންމެ ވަރުގަދަ ކްލަބުތަކުގެ ތެރޭގައި ހިމެނުމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ޖެހޭ ކަމަށް ސިޓީގެ ކޯޗު ގާޑިއޯލާ ގަބޫލުކުރެއެވެ.

"އިހުސާސަކީ ފަސް ޕްރިމިއާ ލީގު ހޯދައި، ޗެމްޕިއަންސް ލީގުގެ ފައިނަލެއް އޮތްކަން. އަހަރެމެން ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް، ޗެމްޕިއަންސް ލީގުގެ ތައްޓެއް ނުލިބުމަކީ ބޭއިންސާފެއް. އަހަރެންނަށް އެނގޭ ސިޓީ ފުރިހަމަ ވާނީ ޗެމްޕިއަންސް ލީގުގެ ތައްޓާާއެކު ކަން. މިހާރު އެކަން ވެފައި ނަތަސް، ކޮންމެވެސް އިރަކުން އެކަން ހާސިލުވާނެ. އަހަރެމެން ޖެހޭނީ އެކަމަށް މަސައްކަތްކުރަން،" ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.

ނަވާރަ އަހަރަށްފަހު ޕްރިމިއާ ލީގުގެ ތައްޓެއް ހޯދުމަށް މަސައްކަތްކުރަމުންދިޔަ އާސެނަލަށް ތައުރީފުކުރަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ އާސެނަލުން ސިޓީއަށް ވަރުގަދަ ޗެލެންޖެއް ދިން ކަމަށާއި ހަގީގީ ޗެމްޕިއަނުންނަކީ އާސެނަލް ކަމަށެވެ.

މިސީޒަނުގެ ޕްރިމިއާ ލީގުގެ ބޮޑު ބައެއްގައި ތާވަލުގެ އެއްވަނައިގައި އޮތީ އާސެނަލެވެ. ނަމަވެސް ނަތީޖާތައް ދަށްވުމާ ގުޅިގެން އެ ޓީމު ދެވަނައަށް ވެއްޓި ލީގު ޗެމްޕިއަންކަން ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތައް ހުރަސް އެޅިގެންދިޔައެވެ. ސިޓީ އާއި އާސެނަލާ ދެމެދު މިހާރު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އާސެނަލަށް ލީގުގައި ބާކީ އެއް މެޗު އޮތް އިރު، ސިޓީއަށް ދެ މެޗެއް އެބައޮތެވެ.

މިސީޒަނުގައި ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް ހޯދުމުގެ ފުރުސަތު ވެސް އެބައޮތެވެ. އަންނަ މަހުގެ ތިންވަނަ ދުވަހު އެފްއޭ ކަޕްގެ ފައިނަލުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އަންނަ މަހުގެ ދިހަވަނަ ދުވަހު ސިޓީން ނުކުންނަން ޖެހޭނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ.

comment ކޮމެންޓް