ފަތުހުﷲ އަކީ ރާއްޖޭގެ ދާހިލީ ހަޔާތުގައި ވެސް މުހިންމު ބައެއް ފުރެއްވި ބޭފުޅެއް: ރައީސް މައުމޫން

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަލްމަހުރޫމް ފަތުހުﷲ ޖަމީލަކީ ހާރިޖީ ދާއިރާގެ އިތުރަށް ރާއްޖޭގެ ދާހިލީ ހަޔާތުގައި ވެސް ފާހަގަ ކޮށްލެވޭ ގިނަ ހިދުމަތްތަކެއްކޮށް ދެއްވާފައިވާ ބޭފުޅެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސްޖުމްހޫރިއްޔާ މައުމޫނު އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިދިޔަ މާޗު މަހު 1 ވަނަ ދުވަހު ސިންގަޕޫރުގައި އަވަހާރަވި ފަތުހުﷲ ޖަމީލުގެ ތައުބީނުންގެ ޖަލްސާގައި ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ވާހަކަ ދައްކަމުން މައުމޫން ވިދާޅުވީ ފަތުހުﷲ ޖަމީލު 27 އަހަރުވަންދެން ހާރިޖީ ދާއިރާގައި މަސައްކަތް ކުރެއްވި ނަމަވެސް އެ މަނިކުފާނަކީ ރާއްޖޭގެ ދާހިލީ ދާއިރާގައި ވެސް ފާހަގަ ކޮށްލެވޭ ބޭފުޅެއް ކަމަށެވެ.

"ފަތުހުއްﷲ ޖަމީލަކީ 27 އަހަރު ވަންދެން އަޅުގަނޑުގެ ކެބިނެޓްގެ މެމްބަރެއް އަދި އެބޭފުޅަކީ ރައްޔިތުން މަޖިލީހުގަޔާއި ހާއްސަ މަޖިލީހުގައި އަޅުގަނޑުގެ މެމްބަރެއް ގޮތުގައި 17 އަހަރުވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް،" މައުމޫން ވިދާޅުވި އެވެ.

ރާއްޖޭގެ ދާޚިލީ ހަޔާތުގައި ފަތުހުﷲ ކުރެއްވި ބައެއް މުހިންމު ޚިދުމަތްތަކުގެ ވާހަކަ ވެސް މައުމޫން ރޭ ދެއްކެވި އެވެ. މައުމޫން ވިދާޅުވީ 1980 ވަނަ އަހަރުގެ ކުރީކޮޅު ކުލީ ސިފައިންގެ ބަޔަކު ރާއްޖެ އަށް ގެންނަން އުޅުނު ބަޣާވާތުގެ ބައިވެރިން ރާއްޖެ އިން ފިލައިގެން ދިއުމުން، އެ މީހުން ރާއްޖެ ގެނައުމަށް ފަތުހުﷲ ކުރެއްވި މަސައްކަތަކީ ފާހަގަކުރޭ ހިދުމަތްތަކަކެއް ކަމަށެވެ. އަދި އެ ބަޣާވާތުގެ ބައިވެރިން ރާއްޖެ ގެނެސް، އެ މީހުންގެ މައްޗަށް ތަހުގީގު ހިންގުމުގައި ފަތުހުﷲގެ ބައިވެރިވުން ވަރަށް ބޮޑު ކަމަށް މައުމޫން ވިދާޅުވި އެވެ.

ބޭރުގެ ކުލީ ސިފައިންގެ ބަޔަކާއި ރާއްޖޭގެ ބަޔަކު ގުޅިގެން 1988 ވަނަ އަހަރު ހިންގި ބަޣާވާތް ނާކާމިޔާބުކޮށްލައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުނީ ވަރަށް ބުރަ މަސައްކަތްތަކެއްކޮށްގެން ކަމަށާއި އެ މަސައްކަތުގައި ފަތުހުﷲގެ ހިއްސާ ވަރަށް ބޮޑުކަން މައުމޫން ފާހަގަކުރެއްވި އެވެ.

މައުމޫން ވިދާޅުވީ ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވުމުގަ އާއި ސާކް އުފެއްދުމުގައި ފަތުހުﷲގެ ހިއްސާ ބޮޑު ކަމަށެވެ. އަދި އަރަބި އިސްލާމީ ގައުމުތަކުން ރާއްޖެ އަށް ބޮޑެތި އެހީތައް ހޯއްދެވުމުގަ އާއި އދ. މަޖިލީހުގައި ރާއްޖެ ތަމްސީލުކުރެއްވުމުގައި ފަތުހުﷲ އަދާކުރެއްވި ދައުރު ވެސް މައުމޫން ފާހަގަކުރެއްވި އެވެ.

ރޭގެ ޖަލްސާއި އެކުގައި ކިޔަވަން އުޅުނު ބޭފުޅެއްގެ ގޮތުން ވާހަކަ ދައްކަމުން ދިވެހިރާއްޖޭގެ ޔުނިވަސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޒާހިރު ހުސައިން ވިދާޅުވީ ފަތުހުއްﷲ އަކީ ވަރަށް މަޖާ އަދި ވަރަށް ހިތްޕުޅު އަލި ބޭފުޅެއް ކަމަށެވެ.

"ފަތުހުﷲ އަކީ ވަރަށް ސަމާސާ މިޒާޖުގެ ބޭފުޅެއް ހުރިހާ އެކުވެރިން ވެސް ފަތުހުއްﷲގެ އެސިފައިގެ ސަބަބުން އޭނާދެކެ ލޯބިފުޅު ވާނެ،" ޒާހިރު ހުސައިން ވިދާޅުވި އެވެ.

އާއިލާގެ މެމްބަރެއްގެ ގޮތުން ވާހަކަ ދައްކަމުން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްﷲ ޝާހިދު ވިދާޅުވީ ފަތުހުއްﷲ އަކީ ދިވެހި ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ޑިޕްލޮމޭޓް ކަމަށާއި އޭނާއަކީ ވަރަށް ސާދާ މިޒާޖެއްގެ ބޭފުޅެއް ކަމަށެވެ.

މިޖަލްސާގައި ފަތުހުﷲ ޖަމީލުގެ ހަޔާތްޕުޅުގެ މައްޗަށް ކުރީގެ ރައީސް މައުމޫނާއި ޑރ. ޒާހިރު ތައްޔާރުކުރައްވާފައިވާ ލުއި ފަތެއް ވަނީ ނެރެފަ އެވެ. އެ ފޮތް ނެރެދެއްވީ ރާއްޖޭގެ ނާއިބު ރައީސް މުހައްމަދު ވަހީދުއްދީން އެވެ.

އެ ޖަލްސާގައި ނާއިބު ރައީސް މުހައްމަދު ވަހީދުއްދީން އާއި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ފަތުހުﷲ އާއި ކެބިނެޓްގައި އުޅުއްވި ކުރީގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެ ވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު