ވައްކަން ކުރުމުން ހޭކީ ދަވާދު: އަދަބު ދިނުން އޮތީ އިދާރާތަކަށް، އާންމުނަކަށް ނޫން!

ވައްކަންކުރި މީހާގެ ގައިގައި ދަވާދު އުނގުޅައިފައި -- ފޮޓޯ/ ސޯޝަލް މީޑިއާ

މާލޭ ފިހާރައަކުން ވައްކަންކޮށްގެން ފުލުހުންނަށް އެ މައްސަލަ ހުށަހެޅިއިރު އެ ކަން ކުރި މީހާ ހިފަހައްޓައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައެވެ.

ސޯޝަލް މީޑިއާ ހުޅުވާލިއިރު އެންމެ ފުރަތަމަ ވެސް ޓައިމްލައިނުން ފެނުނު ވީޑިއޯއަކީ އެ ވައްކަމާ ގުޅިގެން ގިނަ ބަޔަކު ވެގެން އެކަން ކުރި މީހާ ހިފަހައްޓައިގެން ތިބި ވީޑިއޯއެކެވެ.

ހަމައެކަނި ހިފަހައްޓައިގެން ތިބީއެއް ނޫނެވެ. އޭނާގެ ހެދުން ބާލުވައި، ކުޑަކަކުލަށް ތިރިކޮށް އޭނާގެ މުޅި ގައިގައި ދަވާދު ހާކަނީއެވެ. ދަވާދު ޓައްޕު އޭނާގެ ގަޔަށް އޮއްސައިލުމަށްފަހު އޭނާ ދޫކޮށްލައެވެ.

އަދި ވީޑިއޯ ކުރަން ހުރި މީހާ އޭނާއާ މައްލަވަ ކުރަމުން އެއް ހަމައެއްގައި ހިނގާ މަންޒަރު ވެސް ހަމަ އެ ވީޑިއޯއިން ފެނެެއެވެ.

ފުލުހުން ބުނި ގޮތުގައި ފުލުހުންނަށް އެ ހިސާބަށް ދެވުނުއިރު އެ އެންމެން އެ ތަން ދޫކޮށް ގޮސްފިިއެެވެ.

އޭނާއާ މެދު އެންމެވެގެން ކަން މި ކުރީ އެންމެ ރަނގަޅަށްތޯ މިއީ އުފައްދަންޖެހޭ ސުވާލެކެވެ. ޔަގީނުން ވެސް މިއީ އާންމު އިޖުތިމާއީ މިންގަނޑުން ބަލައި ނަމަވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ.

ކުށެއް ކުރުމަކީ ގާނޫނުގެ ބާރު އާންމު ރައްޔިތު މީހާގެ އަތްމައްޗަށް ގެނެސް ތަންފީޒުކުރަން ހުއްދަ ދޭ ކަމެއް ވެސް ނޫނެވެ. ކުށެއް ކުރުމުން އެ މީހަކާ މެދު ގާނޫނު ހިންގާނީ އެ ކަމާ ގުޅޭ އިދާރާތަކުންނެވެ. އެ ކަމުގެ ބާރު ލިބިދީފައިވާ ތަންފީޒީ އިދާރާތަކުންނެވެ.

ފުލުހުންގެ ތަރުޖަމާނު ސުޕްރިންޑެންްޓް އޮފް ޕޮލިސް ޔޫނުސް ސޮބާހް ވިދާޅުވި ގޮތުގައި މިއީ ހުއްދަ ކަމެއް ނޫނެވެ. އަދި އެ ކަން ކުރުމަށް ފުލުހުން ހިތްވަރު ނުދޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެފަދަ އަމަލެއް ހިނގާ ތަން ފެންނަ ނަމަ އެ ކަމެއް ފުލުހުންނަށް ރިޕޯޓުކުރުމަށް ވެސް ޔޫނުސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރާކަށް ފުލުހުން ހިތްވަރެއް ނުދޭނެ. ކުށެއް ކުރާ މީހަކާމެދު ވެސް ލާއިންސާނީ އަދި ނޫނީ ދިވެހިރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް އަމަލެއް ކުރުމަކީ އެއްވެސް ފަރާތަކަށް ހުއްދަ ވެސް ކަމެއް ނޫން،" "ސަން"އާ ވާހަކަދައްކަވަމުން ޔޫނުސް ވިދާޅުވިއެވެ.

އޭނާ ވަނީ ކުށެއް ކުރާ މަންޒަރު ފެނިއްޖެ ނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް ރިޕޯޓް ކުރުމަށް އެދިލައްވައިފައެވެ.

"ކުށެއް ކުރަނިކޮށް އެ މީހަކު ބައެއްގެ ބެލުމުގެ ދަށަށް ނުވަތަ ކުށެއް ކުރަނިކޮށް ހިފެހެއްޓުމަށްފަހު ވީހާ ވެސް އަވަހަށް ފުލުހުންނަށް ރިޕޯޓުކޮށް އެ ތަނުގައި މީހާ ހިފެހެއްޓުމަށް އެދެނީ،" އޭނާ ވިދާޅުވިއެވެ.

ވައްކަންކުރި މީހާގެ ގައިގައި ދަވާދު އުނގުޅައިފައި -- ފޮޓޯ/ ސޯޝަލް މީޑިއާ

އާންމު ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ޝާމިލުވެ ކުރާ މިފަދަ އަމަލުތަކަކީ މުޖުތަމައަށް ވެސް އޭގެ ސަބަބުން ހުތުރު ނަން އަންނާނެ ފަދަ ކަންކަމެވެ. އަދި މުޖުތަމައުގައި އުޅޭ އެހެން މީހުންނަށް ވެސް ފެންނަ ގޯސް މިސާލެކެވެ.

އާންމުންގެ ތެރެއިން ގިނަ ބަޔަކު މި ފަދަ އަމަލުތައް ކުށްވެެރިކުރެއެވެ. އޭގެ ތެރެެއިން އެކަކު މި ނޫހާ ވާހަކަދައްކަމުން ބުނީ، މިއީ ތަހުޒީބީ މުޖުތަމައުއެއްގެ ތެރޭ ހިނގައިގެންވާނެ ފަދަ ކަމެއް ނޫން ކަމަށެވެ.

ރަނގަޅު ހަމަތަކާއި އާދަތަކުގެ ވާހަކަ ތުއްތު ކުދިންނަށް އުނގަންނައިދޭއިރު ބޮޑެތި މީހުންގެ ފަރާތުން އެ ފަދަ އަމަލުތައް ފެނުމަކީ އެންމެ ރަނގަޅު ކަމަކަށް ވެސް ނުވާނެކަމަށް އޭނާ ދެކެއެވެ.

"އަސްލު ހަގީގަތުގައި މިއީ އަޅުގަނޑުމެންގެ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން. ވައްކަންކުރުމަކީ ވަރަށް ބޮޑު ގޯހެއް. އެއީ ވެސް ކޮށްގެންވާނެ ކަމެއް ނޫން. އެކަމު އެ ކަން ކުރި ނަމަވެސް އޭގެ މާނައެއް ނޫންދޯ އަޅުގަނޑުމެން ވެސް ހިތުހުރި ގޮތަކަށް ކަންކަން ކޮށްގެން ނުވާނެ. މިސާލަކަށް އެ ގޮތަށް ދަވާދު ދަޅެއް އޮއްސައިލައިގެން އޭނާއަށް ބޮޑު އަނިޔާއެއް ވިނަމަ ކީއްތޯ ކުރާނީ. ދެރަވަރު އަމަލެއް މިއީ،" އާންމު މީހަކު ބުންޏެވެ.

މި ފަދަ މައްސަލަތަކަކީ މުޖުތަމައުގެ ކޮންމެ މީހަކު ވެސް ވިސްނަންޖެހޭ ކަންކަމެވެ.

ގާނޫނީ ނަޒަރަކުން މި ކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގާނޫނީ ވަކީލް މުހައްމަދު ނިޝާން ވިދާޅުވީ ކުށެއް ކުރާ މީހަކާ މެދު އެ ފަދަ އަމަލެއް ނުވަތަ އެ މީހަކަށް ގެއްލުމެއް ވެދާނެ އެއްވެސް ކަމެއް ކުރުމަކީ އާންމުންނަށް ލިބޭނެ ބާރެއް ނޫން ކަމަށެވެ.

އެއީ ޖިނާއީ އިޖުރާތުގެ ގާނޫނުގައި ވެސް ހުއްދަ ކަމެއް ނޫންކަމަށް ނިޝާން ވިދާޅުވިއެވެ.

އެގޮތުން އެ މީހަކު ހައްޔަރުކޮށް، އޭނާގެ ގައިގައި އަތްލައި، އަނިޔާކޮށް އެ ފަދަ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ނިޝާން ވިދާޅުވިއެވެ.

"ލާއިންސާނީ ކަންކަމުގެ ގޮތުގައި އެ ކަންކަން ވާނީ. ހިފަހައްޓައި ދަވާދު އުނގުޅުން. ބޯ ބޭލުން، ގައިގައި ކުލަ އުނގުޅުން. އެކި ކަހަލަ ކަންތައް ކުރުން މިއީ ލާއިންސާނީ ކަންކަންކަމަށް އެންޓި ޓޯޗާ އުސޫލު ބުނަނީ. އެންޓި ޓޯޗާ ގާނޫނުން. އެހެންވީމާ އާންމުން އެ ކަހަލަ ކަންކަން ކުރާ ކަމުގައިވާ ނަމަ އެއީ ލާއިންސާނީ ކަންކަން ކަމުގައި ބަލައިފައި އެ ދައުވާ ކުރަން ބޭނުންނަމަ ދައުލަތަށް ހަގީގަތުގައި އެ ކަން ކުރެވޭނެ،" ނިޝާން ވިދާޅުވިއެެވެ.

އޭނާ ވެސް ވިދާޅުވީ އާންމުންގެ ޒިންމާއަކަށް ވާނީ ކުށްކުރި މީހާ ހައްޔަރުކުރަން އެހީތެރިވެދިނުމާއި އެ ކަމަށް މަގުފަހިކޮށްދީ ހެކި ހޯދައިދިނުމަށް އެހީތެރިވުން ކަމަށެވެ.

ކުށްކުރުން މަދުކުރުމަށް ޓަކައި މަސައްކަތްކުރަން ޖެހެއެވެ. އެ ފަދަ ކަންކަން ހުއްޓުވޭނީ ހޭލުންތެރިކަން އިތުރުކޮށްގެންނެވެ. ހަމައެއާއެކު ކުށެއް ކުރުމުން އޭގެ އަދަބު އާންމު ރައްޔިތު މީހާ ދިނުން ވެސް ހުއްޓަން ޖެހެއެވެ. އެ ކަން އެގޮތަށް ކުރާނަމަ އިދާރާތަކުގެ ބޭނުމެއް ކޮބައިހެއްޔެވެ؟

comment ކޮމެންޓް