ތިނަދޫގައި ތޫނު ހަތިޔާރުން ހަމަލާ ދިނުން: އެކަކު ހައްޔަރުކޮށްފި

ގދ. ތިނަދޫ -- ފައިލް ފޮޓޯ

ގދ. ތިނަދޫގައި ތޫނު ހަތިޔާރުން ހަމަލާދީ އުމުރުން 25 އަހަރުގެ ޒުވާނަކު ޒަޚަމްކޮށްލި މައްސަލައިގައި އެކަކު މިރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިނަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ކަމުގެ ރިޕޯޓް ލިބުނީ މިއަދު 13:50ހާއިރު ކަމަށެެވެ.

އޮފިޝަލް ވިދާޅުވީ މި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު މިރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ޒަޚަމްކޮށްލި ޒުވާނާއަށް ތިނަދޫ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޭނާގެ ހާލަތާބެހޭ ގޮތުން ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބެއެވެ. ނަމަވެސް "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި މީހާގެ ހާލު އަންނީ ރަނގަޅުވަމުންނެވެ.

ތިނަދޫން މި ނޫހާ ވާހަކަދެއްކި މީހަކު ބުނިިގޮތުގައި މިއީ އެރަށުގައި އޮންނަ މަސްތުވާތަކެތި ބޭނުންކުރާ ގްރޫޕަކުން ހިންގި މާރާމާރީއެކެވެ.

އޭނާ ބުނީ އެ މީހުން ގެންގުޅެނީ ޒުވާނުންގެ މެދުގައި މި ފަހަކަށް އައިސް އާއްމުވަމުން އަންނަ ޕާޓީ ޑްރަގްގެ ބާވަތްތައް ކަމަށެވެ. އަދި މިއީ އެފަދަ މުއާމަލާތެއްގެ ތެރެއިން އުފެދުނު ދެބަސްވުމެއްގައި ހިންގި މާރާމާރީއެއް ކަމުގައި ވެސް އޭނާ ބުންޏެވެ.

"ރަށުތެރޭގައި އެންމެ ގިނައިން ކިޔަނީ މިހާރު ރާއްޖޭގައި އާއްމުވަމުން އަންނަ ޕާޓީ ޑްރަގްސްގެ ބާވަތްތައް ކަމަށް އެކުދިން ބޭނުން ކުރަނީ. އަސްލު އެ ހަމަނުޖެހުން ފެށުނީ ވެސް އެކަހަލަ ކަމެއްގެ ތެރެއިން. ދެން އިތުރު މައުލޫމާތު ދެއްވާނީ ފުލުހުންތާ،" އޭނާ ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ތިނަދޫގައި މިފަހަކަށް އައިސް މާރާމާރީތައް ހިނގުން ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް