އޭއައިގެ ބައިނަލްއަގުވާމީ މިންގަނޑުތަކެއް ކަނޑައަޅަން ޖީ7އިން ގޮވާލައިފި

އޭއައިގެ ބައިނަލްއަގުވާމީ މިންގަނޑުތަކެއް އެކުލަވާލުމަށް ޖީ7އިން ވަނީ ގޮވާލާފަ -- ފޮޓޯ/ ރޮއިޓާސް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އަށް "އިތުބާރު ކުރެވޭ" ގޮތަށް ފަންނީ މިންގަނޑުތަކެއް ތަރައްގީކޮށް އަމަލުކުރަން ފަށަން ގްރޫޕް އޮފް ސެވަން (ޖީ7)ގެ ގައުމުތަކުގެ ލީޑަރުން ގޮވާލައްވައިފިއެވެ.

އިގުތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތައް ހިމެނޭ ޖީ7 ސަމިޓު މިއަހަރު ބާއްވާފައި ވަނީ ޖަޕާނުގެ ހީރޯޝިމާގައެވެ. އެ ބައްދަލުވުމުގައި ޖީ7ގެ ލީޑަރުން ވަނީ، އިތުބާރު ކުރެވޭ އޭއައި އުފެއްދުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން ޚިޔާލު ތަފާތުވުން އޮވެދާނެ ކަމަށެވެ. ނަމަވެސް އޭއައި ފަދަ ޑިޖިޓަލް ޓެކްނޮލޮޖީތަކަށް އޮންނަން ޖެހޭނީ އެ ގައުމުތަކުން ގަބޫލުކުރާ ޑިމޮކްރެޓިކް އަސާސްތަކާ އެއްގޮތަށް ކަމަށް ހުރިހާ ލީޑަރުން ވެސް އެއްބަސްވާ ކަމަށެވެ.

ޖީ7އިން އެފަދައިން ގޮވާލާފައި ވަނީ، އޭއައި ޓެކްނޮލޮޖީ ރެގިއުލޭޓް ކުރުމަށް ގާނޫނެއް ފާސްކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ތައްޔާރުވެފައި ވަނިކޮށެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އާސަލާ ވޮން ޑަ ލެޔެން ހުކުރު ދުވަހު ވިދާޅުވީ އޭއައި ސިސްޓަމްތަކަކީ ސައްހަ، އިތުބާރު ހިފޭ، ރައްކާތެރި އަދި ތަފާތުކުރުމެއް ނެތް ސިސްޓަމްތަކަކަށް ވާން ޖެހޭ ކަމަށެވެ.

ޖީ7ގެ ލީޑަރުން ވިދާޅުވީ ޗެޓްޖީޕީޓީ އެޕްލިކޭޝަނުން ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޓެކްނޮލޮޖީގެ ސަބްސެޓެއް ކަމަށްވާ ޖެނެރޭޓިވް އޭއައިގެ ފުރުސަތުތަކާއި ގޮންޖެހުންތައް ވަގުތުން ބަލަން ޖެހޭ ކަމަށެވެ.

އޯޕަންއޭއައިގެ ޗެޓްޖީޕީޓީއިން މުޖުތަމައުއަށް ނުރައްކާވެދާނެ ކަމަށް ބުނެ، އިތުރު ބާރުގަދަ ނިޒާމުތައް ތަރައްގީ ކުރުން ހަ މަސް ދުވަހަށް މަޑުޖައްސާލުމަށް ގޮވާލައި މިދިޔަ މާޗު މަހު އެލޮން މަސްކް އާއި އޭއައިގެ ތަޖުރިބާކާރުންގެ ގްރޫޕަކުންވަނީ ހުޅުވާލެވިފައިވާ ސިޓީއެއް އާންމުކޮށްފައެވެ.

އޭގެ މަހެއްހާ ދުވަސް ފަހުން އީޔޫގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އޭއައި ޓެކްނޮލޮޖީތައް ހީކުރި ވަރަށް ވުރެ ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ކަމަށް ބުނެ، އޭއައި ޓެކްނޮލޮޖީތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ދުނިޔޭގެ ލީޑަރުންގެ ކިބައިން އެދިފައެވެ.

އެމެރިކާއިން މިހާތަނަށް އޭއައި ހިންގުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދީފައިވާއިރު، މިދިޔަ މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އޭއައި އަކީ ނުރައްކާތެރި އެއްޗެއްތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މައިކްރޮސޮފްޓާއި އޯޕަންއޭއައިއިން މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ސެނެޓްގެ ޕެނަލެއްގައި ބުނެފައި ވަނީ އޭއައި މޮޑެލްތައް އުފެއްދުމަށް ލައިސަންސް ދިނުމާއި ޓެސްޓު ކުރުމުގެ ޝަރުތުތަކާ މެދު އެމެރިކާއިން ވިސްނަން ޖެހޭ ކަމަށެވެ.

ޖީ-7ގެ މިއަހަރުގެ ޗެއާ ޖަޕާނުން ވަނީ އޭއައިގެ ނުރައްކާތައް މޮނިޓާކޮށް، އާންމުންނާއި ސިނާއީ ގޮތުން އޭއައި އެޑޮޕްޓް ކުރުމަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ. އެގައުމުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ މިދިޔަ ހަފުތާގައި ސަރުކާރުގެ އޭއައި ކައުންސިލްގައި ވިދާޅުވި ގޮތުގައި، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ވެސް އެކަށީގެންވާ ގޮތެއްގައި އަމަލު ކުރުމަކީ މުހިންމު ކަމެކެވެ.

އޭއައި ރެގިއުލޭޓް ކުރަންވީ ގޮތާ މެދު ހުރި ހިޔާލު ތަފާތުވުންތައްކޮށް، ޖީ7ގެ ލީޑަރުން އެއްބަސްވެފައި ވަނީ އޭއައިއާ ގުޅޭ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް "ހީރޯޝިމާ އޭއައި ޕްރޮސެސް"ގެ ނަމުގައި މިނިސްޓީރިއަލް ފޯރަމެއް އުފެއްދުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު