ހޯރަފުށީ އިންޓަރނޭޝަނަލް ޕްރީސްކޫލަށް 1.17 މިލިއަން ރުފިޔާގެ އެހީ އުއްޗު ދެއްވައިފި

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙަންމަދު މޫސާގެ ފަރާތުން ހއ. ހޯރަފުށީ އިންޓަރނޭޝަނަލް ޕްރީސްކޫލަށް 1.17 މިލިއަން ރުފިޔާގެ އެހީއެއް ދެއްވައިފިއެވެ.

ޗަމްޕް މުޙަންމަދު މޫސާ (އުއްޗު) ގެ ފަރާތުން ހޯރަފުށީ އިންޓަރނޭޝަނަލް ޕްރީސްކޫލަށް މި ދެއްވި އެހީއަކީ، މިދިޔަ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް އުއްޗު އެރަށަށް ކުރެއްވި ދަތުރުގައި، ޕްރީސްކޫލުގެ ތަރައްޤީއަށް ބައެއް އެހީތެރިކަން ބޭނުންވެގެން ހޯރަފުށީގެ ރައްޔިތުން އުއްޗު އަރިހު އެދުމުން ދިނުމަށް ނިންމެވި އެހީއެކެވެ.

އެދުވަހު އުއްޗު ވިދާޅުވެފައިވަނީ ރައްޔިތުން އެދުނު ގޮތަށް އެހީތެރިކަން ދެއްވާނޭ ކަމަށެވެ. އޭގެ ކުރިންވެސް އުއްޗު ވަނީ ހޯރަފުށި އިންޓަނޭޝަނަލް ޕްރީސްކޫލް ތަރައްޤީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ދެއްވާފައެވެ.

ހޯރަފުށީ އިންޓަނޭޝަނަލް ޕްރީސްކޫލަށް އުއްޗުގެ ފަރާތުން 1،171،558 ރުފިޔާގެ އެހީ ދެއްވިއިރު، މީގެ ތެރޭގައި ހިމެނެނީ މާލީ އެހީގެ އިތުރުން ތަކެއްޗެވެ. އެ ތަކެތީގެ ތެރޭގައި ޕްރީ ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ސާމާނާއި ކުދިން ކުޅޭނެ ޕްލޭ ގްރައުންޑަށް ބޭނުންވާނެ ތަކެތި ހިމެނެ އެވެ. މި އެހީ ރަސްމީކޮށް ހޯރަފުށި ރައްޔިތުންނާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އުއްޗުގެ ފަރާތުން މި އެހީ ރަށު ކައުންސިލާ ހަވާލުކޮށްދެއްވީ ދަރިކަނބަލުން ސާރާ މުޙައްމަދު މޫސާއެވެ. ކައުންސިލްގެ ފަރާތުން މި އެހީއާ ހަވާލުވެލެއްވީ، ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދެވެ.

މި ރަސްމިއްޔާތުގައި ހޯރަފުށި ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ ރައްޔިތުން މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހޯރަފުށީ ރައްޔިތުންގެ ފަރާތުން އުއްޗުއަށް ޚާއްސަ ފިލައެއް އެރުވުން ވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ. ހޯރަފުށީގެ ތަރައްޤީއަށް އުއްޗު ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ރައްޔިތުންގެ ފަރާތުން އެރުވި ފިލާ، އުއްޗުގެ ދަރިކަނބަލުން ސާރާ އާ ޙަވާލުކޮށްދެއްވީ ހޯރަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމެވެ.

ހޯރަފުށީ އިންޓަރނޭޝަނަލް ޕްރީ ސްކޫލުގައި އަންނަ އޯގަސްޓްމަހު ފަށާ ދިރާސީ އާ އަހަރާއެކު ކިޔަވައިދޭން ފަށާނެ އެވެ. މި ސްކޫލްގެ ކޮންމެ ކުލާސްރޫމެއްގައި 20 ކުދިންނަށް ކިޔަވައިދޭ ގޮތަށް ތިން ކްލާސްރޫމު ހިމެނެއެވެ.

އުއްޗު ވަނީ މީގެ ކުރިން ވެސް އެކި ގޮތްގޮތުން ހޯރަފުއްޓަށް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. މިގޮތުން ހޯރަފުށީގައި އައިސްޕްލާންޓެއް ހެދުމަށް އުއްޗު ވަނީ 4.2 މިލިއަން ރުފިޔާގެ އެހީ ދެއްވާފައެވެ.

comment ކޮމެންޓް