އިސްކަން ދޭނީ ރައްޔިތުން އިގްތިޞާދީ ގޮތުން ބާރުވެރިކުރަން: ދަ ޑިމޮކްރެޓްސް

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް--- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވައި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"އިން އެންމެ ބޮޑު އިސްކަމެއް ދޭނީ ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ ތެރެއިން ރައްޔިތުން އިގްތިޞާދީ ގޮތުން ބާރުވެރިކުރުވަން ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އެ ޕާޓީގެ ތަރުޖަމާނު، އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ ރައްޔިތުން އިގްތިޞާދީ ގޮތުން ބާރުވެރިކޮށް، ލާމަރުކަޒީ ގޮތެއްގެ މަތިން ޕާޓީ ހިންގޭނެ ނިޒާމެއް ޔަގީން ކުރާނެ ކަމަށެވެ. އަދި، އެ ޕާޓީގެ އަސާސްތަކަކީ ރައްޔިތުން ބަލައިގަންނަ އަސާސްތަކަކަށް ހަދާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ އެ ޕާޓީގެ އެންމެ ބޮޑު އަސާސަށް ވެގެންދާނީ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކުރުމާއި އެ މީހުންގެ ބައިވެރިވުން ޔަގީން ކުރުން ކަމަށެވެ.

"އެންގޭޖްވާނެ، އެންގޭޖް ކުރާނެ އަދި އެހެން މީހުންގެ އެންގޭޖްމަންޓް ހޯދާނަން. ނަން ހުށަހެޅުމަށް ވެސް ހުޅުވާލީ އެގޮތުގެ މަތިން. ވަކި ޕާޓީގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެކަންޏެއް ނޫން. އެންމެންނަށް ހުޅުވާލައިގެން،" އަފްޝަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނަން ހުށަހެޅުމަށް ހުޅުވައިލުމުން ތަފާތު 230 ނަން ލިބުނު ކަމަށެވެ. އަދި، އޭގެން 53 އިންސައްތަ ނަމުގައި ކޮންމެވެސް ގޮތަކަށް 'ޑިމޮކްރަސީ' އެ ބަސް ބޭނުން ކޮށްފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އެހެން ކަމުން ރައްޔިތުން އެ ޕާޓީގެ ފަރާތުން އެންމެ އެދޭ ކަމަކީ ޑިމޮކްރަސީގެ ނިޒާމު ހަރުދަނާ ކުރުން ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަފްޝަންގެ އިތުރުން ނޫސްވެރިންނާ ބައްދަލުކުރައްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމާ އެކު ގާނޫނާއި ގަވާއިދުގައި ވާގޮތުގެ މަތިން ދެން ކުރަން ކުރަން ޖެހޭ ކަންކަން ކުރަން އެ ޕާޓީން ތިބީ ތައްޔާރަށް ކަމަށެވެ.

އެ ޕާޓީއަކީ ނަޝީދުގެ އިސްނެންގެވުމުގެ މަތިން އުފައްވާ ޕާޓީއެއް ނަމަވެސް އެ މަނިކުފާނު އަދިވެސް އެމްޑީޕީގައި ހުންނެވުމާ އެކު އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ހުރިހާ ކަމެއް ވެސް ކުރަމުންދާނީ ގާނޫނުގެ ތެރެއިން ކަމަށެވެ.

"ގާނޫނުގައި އޮންނަ ގޮތުން އެހެން ޕާޓީއެއްގެ މެންބަރަކަށް، އެހެން ސިޔާސީ ޕާޓީއެއް ނުއުފެއްދޭނެ. ރައީސް ނަޝީދު ގުޅިވަޑައިގަންނަވާނެ ދުވަހަކާ ގުޅިވަޑައިގަންނަވާނެ ގޮތް އެއީ ރައީސް ނަޝީދު އަރިހުން ތިބޭފުޅުން ސާފުކުރައްވަން ވާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.

"މި ޕާޓީ އުފައްދަން މަސައްކަތް ކުރާއިރު އަޅުގަނޑުމެން ސިޔާސީ ޕާޓީއެއް ނުއުފައްދާނެ ރައީސް ނަޝީދުގެ ފެނިވަޑައިގަތުމާއި އެނގިވަޑައިގަތުމުގެ ބޭރުންނެއް،"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދާ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ހަސަން ލަތީފް ވިދާޅުވީ އެ ޕާޓީ ވެގެން ދާނީ ވައްކަމާ ކޮރަޕްޝަނާ ދުރު ޕާޓީއަކަށް ކަމަށެވެ. އަދި، އެ ޕާޓީން މަސައްކަތް ކުރާނީ ދެ ފުށް ފެންނަ ގޮތެއްގެ މަތިން ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ވެސް އެމްޑީޕީ މެންބަރުން އެ ޕާޓީ ދޫކޮށް ގިނަ ބަޔަކު ދަ ޑިމޮކްރެޓްސް އާ ގުޅެން ތައްޔާރަށް ތިބި ކަމަށެވެ. އަދި ވަރަށް އަވަހަށް ބައެއް މަޖިލިސް މެންބަރުން ވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއިން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.

comment ކޮމެންޓް