އެމްއެންޕީގެ ވެރިކަމެއްގައި ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭނަން: ނާޒިމް

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް --- ސަންފޮޓޯ/ ނާއިލް ހުސެއިން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ގާނޫނު ބަދަލުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، "ނާޒިމް ބުނީ ކީކޭ" ޕްރޮގްރާމްގެ ހަތަރު ވަނަ ސެޝަންގައި، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެތޯ މީހަކު ސުވާލުކުރުންނެވެ. އޭނާ ވިދާޅުވީ، ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވޭނެ ހަމައެކަނި ގޮތަކީ، އެކަން ކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒުކޮށްގެން ކަމަށާއި އެމްއެންޕީގެ ވެރިކަމެއްގައި އެކަން ކުރާނެ ކަމަށެވެ.

"އެކަން ވާނެ. އަޅުގަނޑު ނުބަލާނަން ގާތް މީހަކަށް. އެހެން ހުރިހާ އެއްޗަކަށްވުރެ އަޅުގަނޑަށް ގައުމު ބޮޑު. އެހެންވީމަ، މި ބަދަލު އަޅުގަނޑުގެ ވެރިކަމެއްގަ ގެނެސްދޭނަން. އަދަބު ތަންފީޒުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒުކުރެވޭނީ، އެކަމާ ބެހޭ ގާނޫނު ބަދަލުކޮށްގެންނެވެ. އެކަން އެމްއެންޕީގެ ވެރިކަމެއްގައި ކުރާނެ ކަމަށާއި މިއީ މިހާރު ރާއްޖޭގައި ކޮންމެހެން ކުރުން މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ނާޒިމް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ހަލާކުވެގެން ދަނީ މުޅި ޖީލެއް އެއްކޮށް ކަމަށެވެ. ނަމަވެސް އެކަން ބަދަލުކޮށް، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި އެފަދަ މީހުންނަށް މަރުގެ އަދަބު ތަންފީޒުކުރާ ރައީސަކަށް އެމްއެންޕީގެ ވެރިކަމެއްގައި އޭނާ ވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް، ނާޒިމް ވަނީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ދޭ އަދަބު ލުއިކަން ފާހަގަކުރައްވައި، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ނާޒިމް އަކީ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެވެ.

comment ކޮމެންޓް