ދުވާފަރު ކައުންސިލުގެ ޚިޔާނާތް: ޕީޖީގެ ވިސްނުން ހުރީ ދައުވާ ނުކޮށް މައްސަލަ ނިންމަން

ރ. ދުވާފަރު ކައުންސިލުގެ ޚިޔާނަތުގައި ހިމެނޭ ބައެއް މެންބަރުންނާއި މުވައްޒަފުން ---

ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގައި ދައުލަތުގެ ވިސްނުން ހުރީ، އެ ކައުންސިލުގެ މެމްބަރުންނާއެކު، ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމެއް ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.

ދުވާފަރު ކައުންސިލުގެ ހިޔާނާތުގެ މައްސަލަ ފެންމަތިވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެކުލަވާލި ދުވާފަރު ކައުންސިލްގެ ޚާއްޞަ މޮނިޓަރިންގ ރިޕޯޓަކުންނެވެ.

https://www.sun.mv/166715

އެ ރިޕޯޓުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަޙުޤީގުކޮށް، ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާއަށްފަހު، ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވާ އަށް މީހުންގެ ތެރޭގައި އެ ކައުންސިލްގައި އޭރުތިބި މެންބަރުންނާއި ބައެއް މުވައްޒަފުން ހިމެނެއެވެ.

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަހްމަދު ޝަފީއު މިއަދު "ސަން"އަށް ވިދާޅުވީ، އެ މައްސަލައާ މެދު އަދި ވަކި ގޮތަކަށް އަމަލުކުރަން ނިންމާފައިނުވާ ކަމަށެވެ.

ނަމަވެސް ޕީޖީގެ ވިސްނުން ހުރީ، ދުވާފަރު ކައުންސިލުގެ ޚިޔާނާތުގައި ހިމެނޭ މީހުންނާއެކު ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމެއް ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ، އެ މައްސަލައިގެ އިތުރު މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

މި މައްސަލައިގައި އަށް މީހުންގެ މައްޗަށް ވެސް ކުރަން އެދިފައި ވަނީ، ރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައިވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި އަދި އެޤާނޫގެ 516 ވަނަ މާއްދާގައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން، ހަމަ އެޤާނޫނުގެ 517 ވަނަ މާއްދާގައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

އުސޫލުތަކާއި ޚިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް، ހިންގާފައިވާކަން ފާހަގަކުރެވުނު މި މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކޮމިޝަނަށް ހުށައެޅުމާއެކު، ޚާއްސަ ޓީމަކުން ދުވާފަރަށް ގޮސް ތަޙުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ދެ މަސް ދުވަސްތެރޭގައި މައްސަލައިގެ ތަހުގީގު ނިންމައި ޑިއުޓީ ޕްރޮސިކިއުޝަނަށް ވަނީ ފޮނުވާފައެވެ.

comment ކޮމެންޓް