އެމެެރިކާގައި އުފައްދާ ޒަމާނީ ފައިޓާޖެޓް ޔުކްރެއިންއަށް ދެނީ

އެފް 16 ގެ ފައިޓާޖެޓް

ވޮޝިންޓަން (21 މެއި 2023): އެމެރިކާގައި އުފައްދާ ފެންވަރު ރަނގަޅު ހަނގުރާމައިގެ ޖެޓެއްކަމަށްވާ "އެފް-16" މަރުކާގެ ފައިޓާޖެޓްތައް ޔުކްރެއިންއަށް ދޭނެކަން އެމެރިކާ ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖެކް ސްލިވަންއެވެ. ސްލީވަން ވިދާޅުވިގޮތުގައި "އެފް-16" މަރުކާގެ ފައިޓާޖެޓް ޔުކްރެއިންއަށް ފޯރުކޮށްދޭނީ އެމެރިކާ ނޫން ކަމަށާއި އެމެރިކާއިން އެބޯޓުތައް ވިއްކާފައިވާ ނޭޓޯގެ ގައުމުތަކުންނެވެ. މިކަމުގެ ހުއްދަ ރައީސް ޖޯ ބައިޑެން ނޭޓޯގެ ގައުމުތަކަށް މިހާރު ދެއްވާފައިވާ ކަމަށް ސްލީވަން ވިދާޅުވިއެވެ.

"އެފް-16" މަރުކާގެ ފައިޓާޖެޓްތައް ޔުކްރެއިންއަށް ލިބުމަކީ ރަޝިއާ އެގައުމާ ދެކޮޅަށްކުރާ ހަނގުރާމައިގާ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ފުރުސަތު ބޮޑުވެ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް މިނިވަންކުރުމުގެ ގާބިލްކަން ޔުކްރެއިންގެ ކިބާގައި މިހާރަށްވުރެ އިތުރުވެގެންދާނެކަމެއްކަމަށް ސްލީވަން ވިދާޅުވިއެވެ.

"އެފް-16" މަރުކާގެ ފައިޓާޖެޓަކީ ވަރަށް ޒަމާނީ ޓެކްނޮލޮޖީގެ ގާބިލުކަން ލިބިފައިވާ ޖެޓްތަކެކެވެ. ނަމަވެސް އެމެރިކާގައި އުފައްދާ އެންމެ ފެންވަރުމަތީ ފައިޓާޖެޓަކީ "އެފް 35" މަރުކާގެ ޖެޓެވެ. ސްލީވަން ވިދާޅުވިގޮތުގައި "އެފް-16" މަރުކާގެ ފައިޓާޖެޓް ޔުކްރެއިން އަށް ދިނުމުގެ ހުއްދަ އެމެރިކާއިން ދިނީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް މިނިވަން ކުރުމަށްޓަކައި އެޖެޓްތައް ބޭނުންކުރުމަށެވެ.

މާނައަކީ ހަމައެކަނި ޔުކްރެއިންގެ ތެރޭގައި ހަރަކާތްތެރިވާ ރަޝިއާ ސިފައިންނާ ދެކޮޅަށް ބޭނުންކުރުމަށެވެ. އެޖެޓްތައް ބޭނުންކޮށްގެން ސީދާ ރަޝިއާއަށް ހަމަލާދިނުން އެމެރިކާވަނީ ޔުކްރެއިނަށް މަނާކޮށްފައިކަމަށް ސްލީވަން ވިދާޅުވިއެވެ.

އެމެރިކާ މިގޮތަށް ނިންމީ "އެފް-16"ގެ ޖެޓް ބޭނުންކޮށްގެން ޔުކްރެއިނުން ރަޝިއާގެ އެތެރެއަށް ހަމަލާދޭނަމަ ރަޝިއާއިން ނޭޓޯގެ ގައުމުތަކާ ދެކޮޅަށް އާދަޔާ ޚިލާފަށް ބާރުގަދަ ހަތިޔާރު ބޭނުންކޮށްގެން ވަރަށް ވަރުގަދައަށް ބަދަލުހިފާނެކަމުގެ ބިރު އެމެރިކާއަށް އޮތުމުން ކަމަށްވަނީ ބެލެވިފައެވެ.

ހުޅަނގުން ޔުކްރެއިންއަށް ބާރުގަދަ ހަތިޔާރު ދެމުންގެންދާ ވަރަކަށް ރަޝިއާ ޔުކްރެއިންގެ ވެރިރަށް ކިޔޭވް އާއި އެގައުމުގެ އެނޫން ސިޓީތަކަށް ދޭ ހަމަލާތައްދަނީ ވަރުގަދަ ކުރަމުންނެވެ.

ދާދިފަހުން ރަޝިއާ ވަނީ އެމެރިކާއިން ޔުކްރެއިންއަށް ފޯރުކޮށްދިން މިސައިލް އައްޑަނައިގެ ނިޒާމެއްކަމަށްވާ "ޕެޓްރިއޮޓް" މަރުކާގެ ނިޒާމެއް ހަލާކުކޮށްލާފައެވެ. އެނިޒާމު ހަލާކުކޮށްލުމަށް ރަޝިއާ ބޭނުންކުރީ އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލެވެ. "ޕެޓްރިއޮޓް" ނިޒާމަކީ މިބާވަތުގެ މިސައިލް ވައްޓާލުމުގެ ގާބިލުކަން ލިބިފައިވާ ނިޒާމެއްނޫނެވެ.

comment ކޮމެންޓް