މައްކާގެ ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ޕާކިސްތާނުގެ އަށް އުމްރާވެރިން މަރުވެއްޖެއެވެ. މި ހާދިސާގައި އިތުރު ހަ މީހަކު ވަނީ ޒަޚަމްވެފައެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ހާދިސާގައި ޒަޚަމްވި މީހުންނަށް ޖިއްދާގައި ހުރި ޕާކިސްތާނުގެ މިޝަނުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި އެ ފަރާތްތަކުގެ އާއިލާއަށް ވަގުތުން މައުލޫމާތު ފޯރުކޮށްދެމުންދާކަމަށް ވެސް ބުނެފައިވެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.
ބޮޑުވަޒީރު ވަނީ ޒަޚަމްވި ހައްޖުވެރިންގެ ހާލު ބެލުމަށާއި އެހީތެރިވުމަށް އަންގާފައެވެ. އަދި އެ ފަރާތްތަކުގެ އާއިލާތަކަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ވަނީ އަންގާފައެވެ.
ޖިއްދާގައި ހުންނަ ޕާކިސްތާނުގެ މިޝަނުން ބުނީ މަރުވި މީހުންނާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރުމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.