ޖަޒީރާ 103 ބޯޓުގެ މަސް ފިނިކުރާ ނިޒާމު ހަލާކުވެ ބޯޓުގެ އޮޕަރޭޝަން ހުއްޓުމަކަށް

މިފްކޯއިން އަލަށް ގެނައި ބޯޓުން މަސްކިރަން ފެށުން -- ފޮޓޯ/ މިފްކޯ

މިފްކޯއިން ދާދިފަހުން ގެނައި މަސްކިރާ ބޯޓު "ޖަޒީރާ 103" ގެ މަސް ފިނިކުރާ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ ބޯޓަށް މަސް ކިރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

މިފްކޯގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް އެންމެފަހުން ގެނައި މަސްކިރާބޯޓުގެ އޮޕަރޭޝަން ރަސްމީކޮށް ފަށާފައިވަނީ، މިދިޔަ ބްރާސްފަތި ދުވަހުއެވެ. މި ބޯޓު ދެކުނު ކޮރެއާއިން ރާއްޖެއަސް ގެނެސްފައިވަނީ ތައިލެންޑަސް އެހެލުމަށްފަހު މަރާމާތު ވެސް ކޮށްގެންނެވެ.

ނަން ހާމަކުރަން ނޭދޭ ކޫއްޑޫގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ޖަޒީރާ 103 ގެ މަސްގަތުމުގެ އޮޕަރޭޝަން ހުއްޓާލަން ޖެހުނީ މަސްކިރަންފެށި ފުރަތަމަ ދުވަހު ބޯޓުގެ ކޯލްޑް ސްޓޯރޭޖްގެ ގޭސް ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. އޭރު ބޯޓަށް ގާތްގަނޑަކަށް 60 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓަށް ކިރި މަސްކޮޅު ނަގާފައިވާއިރު، ބޯޓު މިހާރުއޮތީ ގއ. ކޫއްޑޫ ބޭރުގައެވެ.

މިފްކޯއިން އަލަށް ގެނައި ބޯޓުން މަސްކިރަން ފެށުން -- ފޮޓޯ/ މިފްކޯ

ވަރަށް މުއުތަބަރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި މިފްކޯއިން މިފަހުން ގެނައި މަސްކިރާ ބޯޓަކީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ދުއްވާފައިވާ ބައު ބޯޓެކެވެ. މި ބޯޓުގައި ކުރަންޖެހޭ ވަރަށް ގިނަ މަރާމާތުތައް އަދިވެސް އެބަހުއްޓެވެ.

މިގޮތުން މި މަސްކިރާ ބޯޓަކީ ދެކުނު ކޮރެއާ ސަރަހައްދުގައި ބޭނުންކުރުމަށް އެކަށޭނެ ގޮތަކަށް ފަރުމާކޮށްފައިވާ ބޯޓެއްކަމުން ރާއްޖޭގައި މި ބޯޓު ބޭނުންކުރުމަށް އަދިވެސް ގެންނަންޖެހޭ ބަދަލުތައް ހުރިކަމަށް ސަންއަށް މައުލޫމާތުދިން ފަރާތުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން "ސަން"އިން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާއީލް ފައުޒީއަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދޭތީވެ، އިތުރުމައުލޫމާތު އަދިވަނީ ލިބޭގޮތް ނުވެފައެވެ.

މިފްކޯއިން މައުލޫމާތުދޭ ގޮތުގައި "ޖަޒީރާ 103" ބޯޓަކީ ދުވާލެއްގެ މައްޗަށް 120 މެޓްރިކް ޓަނުގެ މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީ ހުރި ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ ބޯޓެކެވެ. އަދި, 420 މެޓްރިކް ޓަނުގެ މަސް މި ބޯޓުގައި ރައްކާ ކުރެވެއެވެ.

މިފްކޯއިން ގެނައި ޖަޒީރާ 103 މަސްކިރާބޯޓު -- ފޮޓޯ/ މިފްކޯ

މިފްކޯގެ އޮޕަރޭޝަންތައް ފުޅާކުރުމަށް އެ ކުންފުނިން ވަނީ މަސްކިރާ ހަތަރު ބޯޓު ރާއްޖެ ގެނައުމަށް ނިންމާފައެވެ.

"ޖަޒީރާ 103"އަކީ އޭގެ ތެރެއިން އެއް ބޯޓެވެ. އަނެއް ތިން ބޯޓު ތައިލެންޑަށް އެހެލައިގެން ރާއްޖެ ގެނައުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަހަލަ މަރާމާތުގެ މަސައްކަތްތައް ކުރަމުންގެންދާކަމަށް މިފްކޯއިން ބުނެފައިވެއެވެ. މި ބޯޓުތައް ބަނދެފައިވަނީ ދެކުނު ކޮރެއާގައެވެ.

comment ކޮމެންޓް