ބަޔާން މިއުނިކަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދިއުމަށް ޖަރުމަންގެ ވިޔަފާރިވެރިޔަކު އެހީވުމަށް އެ ކްލަބަށް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
މެންޗެސްޓާ ޔުނައިޓެޑާ ދެމެދު ޖެހުނު މައްސަލައަަކާ ގުޅިގެން އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމުން، ސައުދީ އަރަބިއާގެ އަލް ނަސްރާ ރޮނާލްޑޯ ގުޅުނީ މިދިޔަ އަހަރުގެ ޑިސެމްބަރު 30 ގައެވެ. އަލް ނަސްރުން މުސާރައިގެ ގޮތުގައި އޭނާއަށް 200 މިލިއަން ޔޫރޯ ލިބޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖަރުމަންގެ ނޫހެއް ކަމަށްވާ "އަބެންޑްޒެއިޓުންގް" އިން ބުނާ ގޮތުގައި ޖަރުމަންގެ ވިޔަފާރިވެރިޔާ މާކަސް ޝޯން ވަނީ ރޮނާލްޑޯގެ ޓްރާންސްފާއާ ގުޅޭގޮތުން ބަޔާންގެ ސީއީއޯ އޮލިވާ ޚާންއަށް ފޮނުވި އީމެއިލްއަކުން ހުށަހެޅުމެއް ހުށަހަޅައިފައެވެ. އެ ހުށަހެޅުމުގައި ރޮނާލްޑޯގެ ޓްރާންސްފާ ފީ އާއި މުސާރަ، އޭނާގެ ކުންފުނިން ދައްކާނެ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ އުމުރުން 38 އަހަރުގެ ރޮނާލްޑޯ ދަނީ އަލް ނަސްރާއެކު ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެ ކްލަބަށް ފުރަތަމަ ފަހަރަށް ސައުދީ ޕްރޯ ލީގުގެ ތައްޓެއް ހޯދައިދިނުމުގެ މަސައްކަތުގައި ރޮނާލްޑޯ އިސް ދައުރެއް އަދާކުރެއެވެ. ލީގުގެ އެއްވަނައިގައި އޮތް އަލް އިއްތިހާދާއި ދެވަނައިގައި އޮތް އަލް ނަސްރާ ދެމެދު މިހާރު އޮތީ އެންމެ ތިން ޕޮއިންޓުގެ ފަރަގެކެވެ.
ބަޔާން މިއުނިކަށް މި ސީޒަނަކީ އުނދަގޫ ސީޒަނެކެވެ. ޖަރުމަން ބުންޑަސްލީގާގައި ބަޔާންގެ ނަތީޖާތަކާ ގުޅިގެން ސީޒަންގެ ވަކި ހިސާބަކުން އެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި ހުރި ޖޫލިއަން ނަގެލްސްމަން ވެސް މަގާމުން ދުރުކުރިއެވެ. މިހާރު އެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި ހުރީ ކުރިން ޗެލްސީ އާއި ޕީއެސްޖީއަށް އިރުޝާދުދިން ތޯމަސް ޓުޝެލްއެވެ.
މި ވަގުތު ބަޔާނުން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް، އެ ޓީމާއި ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.