ރައީސް ނަޝީދު އުފައްދަވާ އާ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން

އަފްޝަން ލަތީފް -- ސަން ފައިލް ފޮޓޯ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވާ އާ ސިޔާސީ ޕާޓީގެ ތަރުޖަމާނަކަށް އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފް ހަމަޖައްސައިފިއެވެ.

އެކަން އިއުލާނުކޮށްފައި ވަނީ، އެ ޕާޓީގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައެވެ.

އެލްޖީއޭ)ގެ ސީއީއޯކަމުން އަފްޝަން އިސްތިއުފާ ދެއްވީ މިދިޔަ ހޯމަ ދުވަހުއެވެ. އޭނާ ވަނީ އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފައެވެ.

އަފްޝަން އެ މަގާމުން އިސްތިއުފާ ދެއްވި އިރު، އެމްޑީޕީ ތެރޭގައި ދެ ފެކްޝަންގެ މައްސަލަ ބޮޑުވެ އޭނާގެ ފިރިކަލުން، އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު މުހައްމަދު ރަޝާދު ވަނީ މިދިޔަ މާޗު މަހު އެ މަގާމުން ވަކިކޮށްފައެވެ. އަމްރު މަސައްކަތް ކުރައްވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާ ގުޅިވަޑައިގެންނެވެ.

ފިކުރެއްގެ ދިރުމަށް ތާއީދު ކުރައްވާ 12 މަޖިލިސް މެންބަރަކު މިދިޔަ ހަފުތާގައި އެމްޑީޕީން ވަނީ ވަކިވެވަޑައިގެންފައެވެ. އަދި ބުދަ ދުވަހު ވަނީ އާ ޕާޓީއެއް އުފައްދާނެކަން އިއުލާން ކޮށްފައެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ފިކުރެއްގެ ދިރުމުގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅެއްކަމަށްވާ އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީއާ އެ ބޭފުޅުން އަމިއްލަފުޅަށް ވަކިވެވަޑައިގެން ސަަބަބު އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީން ވަކިވީ އައު ޕާޓީއެއް އުފައްދަން ކަމަށާއި އައު ޕާޓީއަކުން އެ ބޭފުޅުން ބޭނުންވާ އަސާސްތައް ވެސް އެނގިވަޑައިގަންނަވާ ކަމަށް އީވާ ވިދާޅުވިއެވެ.

comment ކޮމެންޓް