ރެއާލް އެނބުރި އަންނާނެ: ކްރޫސް

ރެއާލް މެޑްރިޑްގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް -- ފޮޓޯ/ ގެޓީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުން ބަލިވެ، މިފަހަރުގެ ފައިނަލުން ރެއާލް މެޑްރިޑަށް ފުރުސަތު ނުލިބުނު ނަމަވެސް، އެޓީމު އެނބުރި އަންނާނެ ކަމަށް ރެއާލްގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗުން 1-1 ގެ ނަތީޖާއަކުން އެއްވަރުވި އިރު، މިދިޔަ ބުދަ ދުވަހު ސިޓީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު މެޗު 4-0 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ވަނީ ބަލިވެފައެވެ. އެހެންކަމުން އެގްރިގޭޓް 5-1 ގެ ނަތީޖާއަކުން ކުރި ހޯދައި، ފައިނަލުން ޖާގަ ހޯދީ ސިޓީންނެވެ.

ސިޓީ އަތުން ލިބުނު ބައްޔަށްފަހު ސޯޝަލް މީޑިއާގައި ކްރޫސް ކުރި ޕޯސްޓެއްގައި ބުނީ އެނބުރި އައިސް، ރެއާލުން އަލުން މަސައްކަތްކުރާނެ ކަމަށެވެ.

އުމުރުން 33 އަހަރުގެ ކްރޫސްއަކީ ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ. އޭގެ ތެރެއިން ހަތަރު ފަހަރަކު އޭނާ އެ ތަށި ހޯދީ ރެއާލްއާއެކުއެވެ. މިސީޒަން އޭނާ ނިންމާލަން ޖެހޭނީ ރެއާލުން ހޯދި ކޮޕާ ޑެލް ރޭގެ ތައްޓާއެކުއެވެ.

ސްޕެނިޝް ލަލީގާގައި ރެއާލަށް ބާކީ ހަތަރު މެޗު އޮތް ނަމަވެސް، ވާދަވެރި ބާސެލޯނާ އިން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ރެއާލާއި ބާސާއާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލަލީގާގައި ރެއާލުން މާދަމާ ނުކުންނަން ޖެހޭނީ ވެލެންސިއާއާ ދެކޮޅަށެވެ.

comment ކޮމެންޓް