އަހަރުގެ ބާކީ ހަތް މަސް، ސަބްސިޑީ ބަޖެޓު 680 މިލިއަނަށް ވެއްޓިއްޖެ

ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރަށް ދައުލަތުން ސަބްސިޑީއަށް ފާސްކުރި ބަޖެޓު އެންމެ 681 މިލިއަން ރުފިޔާއަށް މަދުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި އަހަރަށް ސަރުކާރުން ސަބްސިޑީއަށް ފާސްކުރީ 2.28 ބިލިއަން ރުފިޔާއެވެ. އެކަމަކު މި އަހަރުގެ ފަސް މަހުގެ ތެރޭގައި ސަބްސިޑީގެ ބަޖެޓުން 1.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މިއާއެކު، މި އަހަރުގެ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ސަބްސިޑީ ބަޖެޓު ހުސްވެ، އިތުރަށް ޚަރަދު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ނިމުނު އިރު، ސަބްސިޑީ އަށް ބަޖެޓު ކުރި 1.436 ރުފިޔާ ހުސްވެ، އެ އަދަދުން ވަނީ 2.8 ބިލިއަނަށް ވުރެ ގިނައިން ޚަރަދުކޮށްފައެވެ.

ސަބްސިޑީގެ ތެރެއިން އަބަދުވެސް އެންމެ ބޮޑު ޚަރަދެއް ކުރަނީ ކަރަންޓު އުފެއްދުމަށާއި ތެލަށެވެ.

ވޯލްޑް ބޭންކުން ނިމިދިޔަ މަހު ނެރުނު މޯލްޑިވްސް ޑެވެލޮޕްމެންޓް އަޕްޑޭޓް ނެރުމުގެ ރަސްމިއްޔާތުގައި ސަބްސިޑީގެ ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް މަނާރަތު ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ޚަރަދުތައް ކުރުމަށް ވަކި ޚާއްސަ ސަބްސިޑީތަކެއް ސަރުކާރުން ތައާރަފުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި އެކަން ހާސިލްކުރުމަށްޓަކައި ގެނެވޭ އިސްލާހުތަކުގެ ތެރެއިން މުޖުތަމައުގެ އެންމެ ނިކަމެތި ފަރާތްތައް ހިމާޔަތްކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަން ޑެޕިއުޓީ މިނިސްޓަރު ދެއްވިއެވެ.

ނަމަވެސް، ރާއްޖޭގައި ސަބްސިޑީ ދަށްކުރުމަށް މާގިނަ އެދެވޭ ފިޔަވަޅުތަކެއް އެޅޭތަނެއް ނުފެނެއެވެ. ބަޖެޓު ފޮތުގެ ޑެފިސިޓް ކުޑަކުރުމަށްޓަކައި ނަމަވެސް، ސަބްސިޑީއަށް އަންދާޒާ ކުރާ މިންވަރު މަދު އަދަދެއްގެ ގޮތުގައި ބަޖެޓު ފޮތުގައި ފެނުނު ނަމަވެސް، ކޮންމެ އަހަރެއްގެ ވެސް އަހަރު ނިމޭއިރު ނުވަތަ އޭގެ ކުރިން ސަބްސިޑީ ބަޖެޓު ހުސްވެ، އޭގެ އިތުރަށް ޚަރަދު ކުރަން ޖެހެއެވެ.

މި ހުރިހާ ކަމަކާއެކު، ވޯލްޑް ބޭންކުން ވެސް މީގެ ކުރިން ވަނީ ރާއްޖޭގެ މާލީ ބުރަ ކުޑަކުރުމަށްޓަކައި، ހައްގުވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ދޭ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ލަފާދީފައެވެ.

މީގެ މިސާލެއްގެ ގޮތުން ވޯލްޑް ބޭންކުން މީގެ ކުރިން ބުނީ ކާޑުގެ ބާވަތްތަކާއި ތެލަށް އެއްވެސް އިސްތިސްނާއެއް ނެތި އާންމުކޮށް ދެމުންދާ ސަބްސިޑީ ޕްރޮގްރާމެއްގެ ސަބަބުން ރިކަރަންޓް ޚަރަދުތައް ހުންނާނީ މަތީ މިންވަރެއްގައި ކަމަށް ބެލެވޭކަމަށެވެ. އަދި އެކަން ކުޑަ ކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދަށް ފައިދާވާނެ ފިޔަވަޅުތަކެއް އެޅުމަށް އެ ބޭންކުން ވަނީ ނަސޭހަތްތެރިވެފައެވެ.

comment ކޮމެންޓް