ބ. ތުޅާދޫ ސްކޫލުގެ މިދިޔަ ދިރާސީ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމު ޢިއްޒަތު ނަޒީރު ހޯދައިފިއެވެ.
ތުޅާދޫ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޮވައި އެ މަޤާމް ހޯދި ޢިއްޒަތު ނަޒީރަށް އެކަމުގެ އެވޯޑު ދީފައިވަނީ ތުޅާދޫ ސްކޫލުގެ މިދިޔަ ދިރާސީ އަހަރުގެ އިނާމު ދިނުމަށް ރޭ އެރަށު ސްކޫލް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މިދިޔަ އަހަރު ތުޅާދޫ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމު ހޯދި ޢިއްޒަތު ނަޒީރަށް އެވޯޑާއި އިނާމުތައް ހަވާލުކޮށް ދެއްވާފައިވަނީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.
ތުޅާދޫ ސްކޫލްގެ މިދިޔަ އަހަރުގެ އެންމެ ރަނގަޅު ދަރިވަރު ހޮވާފައިވަނީ ހަމައެކަނި ކިޔެވުމަށް ބަލައިގެން ނޫންކަމަށް އެ ސްކޫލުން ބުނެއެވެ. މިގޮތުން އިތުރު ހަރަކާތުގައި ދަރިވަރު ހޯދާފައިވާ ކާމިޔާބީތަކަށްވެސް ވަނީ ބަލާފައެވެ.
ތުޅާދޫ ސްކޫލުގެ މިދިޔަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމު ހޯދި ޢިއްޒަތު ވަނީ، އޯލެވެލް އިމްތިހާނުގެ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ މަޤާމުވެސް ހޯދާފައެވެ.

އޯލެވެލް އިމްތިހާނުގެ ގަދަ 10 ގެ އެވޯޑް، ރައީސުލްޖުމްހޫޜިއްޔާގެ ނައިބު ޢިއްޒަތުއާ ހަވާލުކޮށްދެއްވަނީ--- ފޮޓޯ ރައީސް އޮފީސް
މި ޖަލްސާގައި ވާހަކަދައްކަވަމުން ތުޅާދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ރަޝީދު ވިދާޅުވީ، ސްކޫލް ހަޔާތް ނިންމުމަށްފަހު ދަރިވަރުން ދިރިއުޅުމުގެ އަމަލީ މައިދާނަށް ނިކުންނައިރު، މުދައްރިސުން ދެއްވި އަގުހުރި ނަސޭހަތުގެ ބޭނުންކުރުމަށް ދަރިވަރުންނަށް ގޮވާލައްވާފައެވެ.

ތުޅާދޫ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ރަޝީދު ވާހަކަދައްކަވަނީ--- ފޮޓޯ/ ތުޅާދޫ ސްކޫލް
މިގޮތުން މިއަދު މިދެކޭ ގޮންޖެހުން ބޮޑު މުޖުތަމައުއަށް ދަރިވަރުން ނިކުންނަން ވާނީ ވަރަށް ރަނގަޅަށް ތަންދޮރު އޮޅުންފިލައި ތިބެ، ހެވާއި ނުބައި ރަނގަޅަށް ވަޒަންކުރަން އެނގިގެންކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
"ތިޔަ ނިކުމެވެނީ ގޮންޖެހުން ބޮޑު ދުނިޔެއަކަށް. މިދުވަސް އައުމުގެ މާކުރިންވެސް ތިޔަ ދަރިވަރުންނަށް މުދައްރިސުން ވާނީ މިދުވަސް ސިފަކޮށްދީފައި. މިދުވަސް ތިޔަކުދިންނާ ބައްދަލުވާނޭކަން މުދައްރިސުން ވާނީ ހަނދާންވެސް ކޮށްދީފައި. ސްކޫލް ނިންމައި މުޖުތަމައުއަށް ނިކުމެ ޒިންމާދާރު މީހެއްގެ ގޮތުގައި ނިކުމެ ޖީލެއް ބިނާކުރަންޖެހޭނެ ދުވަހެއް ކޮންމެ ކުއްޖަކާވެސް ބައްދަލުކުރާނޭ ދުވަހެއް އަންނާނޭކަން މުދައްރިސުން ވާނީ ބުނެދެއްވާފައި،" ތުޅާދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ތުޅާދޫ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ/ތުޅާދޫ ސްކޫލް
ތުޅާދޫ ސްކޫލްގެ ނިމިގެންދިޔަ އަހަރު ދަރިވަރުންގެ ނަތީޖާއަށް ބަލާއިރު މިއަހަރު ޖުމްލަ ގޮތެއްގައި ނަތީޖާ ރަނގަޅުކަމަށް އެ ސްކޫލުން ބުނެއެވެ. މިގޮތުން ފަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ.

ތުޅާދޫ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ/ތުޅާދޫ ސްކޫލް
ތުޅާދޫ ސްކޫލަކީ، ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް ސްކޫލެވެ. ތުޅާދޫ ސްކޫލް ވުޖޫދަށް އައިސްފައިވަނީ، 1936 ވަނަ އަހަރެވެ.
ތުޅާދޫ ސްކޫލަށް 87 އަހަރު ފުރިފައިވާއިރު، މި ސްކޫލަކީ ރާއްޖޭގައި އުނގަންނައިދިނުމަށް ތިން ވަނައަށް ރަޖިސްޓްރީކުރި ސްކޫލެވެ. ތުޅާދޫ ސްކޫލުގައި މިހާރު 400 ދަރިވަރުން ތައުލީމް ހާސިލްކުރަމުން ގެންދެއެވެ. ތުޅާދޫ ސްކޫލަކީ ރާއްޖޭގެ އަދަބިއްޔާތައް ޚިދުމަތްތެރި އެތައް ބޭފުޅުންނެއް ނެރެދީފައިވާ ސްކޫލެކެވެ.