ރުޅިމަޑުކުރުމުގެ ޖަޒާއަކީ ސުވަރުގެ: ޚުތުބާ

ހުކުރު ނަމާދެއްގެ ތެރެއިން -- ސަން ފޮޓޯ

ރުޅިމަޑުކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، ރުޅިމަޑުކުރުމުގެ ޖަޒާއަކަށް ސުވަރުގެ ވީ އެ ސަބަބަށްޓަކައި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ، ރުޅިމަޑުކަމަކީ މާތް ﷲ ލޯބިވެ، ވޮޑިގެންވާ އަދި އެކަލާނގެ ރަސޫލާ ވެސް ލޯބިފުޅުވާ ސިފައެއް ކަމަށެވެ. އަދި ކީރިތި ރަސޫލާ ވެސް ގޮވައިލައްވަނީ ރުޅި މަޑުކުރުމަށާއި ރުޅިވެރިކަން އުފެދިދާނެ ސަބަބުތަކުން ދުރުހެލިވުމަށް ކަމަށް ޚުތުބާގައި ބުންޏެވެ.

ނަމަވެސް މިހާރު މީހުންގެ ތެރޭގައި ރުޅިމަޑު ކަމުގެ ނަމޫނާތަކެއް ނުފެންނަ ކަމަށާއި ފެންނަނީ ބަދަލު ހިފުމުގެ ރޫހު ކަމަށް ޚުތުބާގައި ބުންޏެވެ.

"ރަސޫލާ ހަދީސް ކުރެއްވިއެ. ވަރުގަދަ މީހަކީ، ހިފާ ބަލިކުރާ މިހާއެއް ނޫނެ. އެހެނަސް ވަރުގަދަ މީހާއަކީ އޭނާގެ ގާތަށް ރުޅި އަންނަ ހިނދު ނަފުސު ކޮންޓްރޯލު ކުރާ މީހާއެ،" ޚުތުބާގައި ބުންޏެވެ.

ރުޅިމަޑުކުރުމާ ގުޅޭ ގޮތުން، ރަސޫލު ޒަމާނުގެ ހާދިސާތަކަށް އަލިއަޅުވައިލުމަށް ފަހު ޚުތުބާގައި ބުނިގޮތުގައި، ޝައިތޯނާ އަބަދުވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި، ކުށް ފާފަތައް ކުރުވާށެވެ. އެއީ ދުނިޔެ މަތީގައި އިންސާނާ ކުރާ އަމަލުތަކަށް ގިޔާމަތް ދުވަހު ޖަވާބުދާރީ ވާން ޖެހޭނެތީ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، އިސްލާމީ އުއްމަތަކީ ރުޅި އިސް ނުކުރާ، ހިލްމުވެރި އުއްމަތެއް ކަމަށާއި އިސްލާމީ އުއްމަތުގެ މާޒީ ވެސް އޮތީ އެގޮތަށް ކަމަަށެވެ. އެގޮތުން އުއްމަތުގެ އަފުރާދުން، މަސައްކަތް ކޮށްފައި ވަނީ، އުއްމަތް ބިނާކޮށް އާރާސްތު ކުރުމަށް ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

"ރަހުމާނުވަންތަ ރަސްކަލާނގެ އަޅުންގެ ގާތަށް ރުޅި ވެސް އާންނާނެ. އެހެނަސް އެމީހުން ރުޅި އަންނާނީ ﷲއަށްޓަކާ. ހައްގަށްޓަކާ. ކީރިތި ރަސޫލާ އަކީ އަމިއްލަފުޅު އެއްވެސް ކަމަކަަށް ކޯފާވި ބޭކަލެއް ނޫން،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނިގޮތުގައި، މުސްލިމުން ނަމޫނާއަކަށް ބަލަން ޖެހޭނީ ލޮބުވެތި ރަސޫލާއެވެ. އަދި އަމިއްލަ ޝަހުސީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެ ކަމަށާއި އެކުވެރިކަމާއި އަވަށްޓެރި ކަމުގައި ރުޅި އިސްކޮށްގެން ނުވާނެކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. ދުނިޔެ އަކީ އެއަށްޓަކައި އަރާރުން ވާން ޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫން ކަމަށާއި މުސްލިމުން އަވަދިނެތި އުޅެން ޖެހޭނީ އިސްލާމް ދީނަށްޓަައި ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، ރުޅިމަޑުކޮށް، ތަގުވާވެރިވުމަކީ މުހިއްމު ކަމެއް ކަމަށާއި ތަގުވާވެރީންނަކީ ﷲގެ ހަޒުރަތުގައި މަތިވެރި މަގާމެއް ލިބިފައިވާ ބައެއް ކަމަށެވެ.

މީގެ އިތުރުން، ރުޅިމަޑުކުރުމުގެ ޖަޒާއަކީ ސަރުވަރުގެ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މި ހުރިހާ ކަމަކަށްޓަކައި، ރުޅި މަޑުކުރުން މުހިއްމު ކަމަށާއި ރުޅިމަޑުކުރުމަކީ މުހިއްމު ކަމަކަށް ނުވާނަމަ އޭގެ ޖަޒާއަކަށް ސުވަރުގެ ނުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް