ދަނޑުވެރިކަމުގެ ދާއިރާއިން ޔޫއޭއީއާ އެކު ގުޅުން ބަދަހި ކުރަނީ

ރާއްޖެ އާއި ޔޫއޭއީ އާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާ ދެމެދު ދަނޑުވެރިކަމާ ގުޅޭ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޔޫއޭއީގެ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް މަރްޔަމް ބިންތު މުޙައްމަދު އަލް މުހެއިރީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެންވަޔަރަމަންޓް މިނިސްޓަރު މަރްޔަމް ބިންތު މުޙައްމަދު އަލް މުހެއިރީއެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑރ. ހުސައިން ރަޝީދު ހަސަނެވެ.

ކާނާގެ ރައްކާތެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ވެވުނު އެއްބަސްވުންތަކަށް ފަހު ދެ ވަޒީރުން ވަނީ މި ދާއިރާއިން ދެ ގައުމުގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޔޫއޭއީގެ އެންވަޔަރަމަންތް މިނިސްޓަރު ވަނީ އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާއާ ވެސް ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ތިމާވެއްޓާއި މޫސުމީ ގޮތުން އަންނަ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވައި، އެ ދާއިރާއިން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ.

އެގޮތުން، ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތައް ލިބިފައިވާ ސަރަޙައްދުތައް ޙިމާޔަތްކޮށް ބެލެހެއްޓުމާއި، މުރަކަ ދިރުވާ އާލަކުރުމާއި ދެ ގައުމުގެ ގުޅުން ހުރި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރަން މަސައްކަތް ކުރުމަށް އަލިއަޅުއްވާލެއްވިއެވެ.

ރާއްޖެއާއި ޔޫއޭއީ އާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ 15 މާރިޗު 1978 ވަނަ އަހަރުގައެވެ.

comment ކޮމެންޓް