ޔާމީންގެ ކެމްޕެއިން ފަށައި ކޮންމެ ހަފުތާއަކު ވެސް ޕީޕީއެމުން އަތޮޅު ތެރެއަށް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޕީޕީއެމް ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ/ ޕީޕީއެމް

މި ވަގުތު ޖަލު ހުކުމެއްގައި ހުންނެވި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރިޔާސީ ކެމްޕެއިން ފަށައި ކޮންމެ ހަފުތާއަކު ވެސް އެ ޕާޓީގެ ޓީމުތައް އަތޮޅު ތެރެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

ރޭ ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން މި ވަގުތު އެ ދެ ޕާޓީ ހިންގެވުމާ އިސްކޮށް ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިހާރު ކުރަން އޮތް އެންމެ މުހިންމު ކަމަކީ ރައީސް ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތްކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ސަޕޯޓަރުންނަށް، ޝަރީއަތުގެ ކަންތައް ހިނގާށޭ ޑރ. ޖަމީލާއި އެ ޓީމަށް ދޫކޮށްލަން. ދޫކޮށްލައިފައި އަޅުގަނޑުމެން ހިނގާށޭ ރައީސް ޔާމީންގެ ކެމްޕެއިނައިގެން ބާރަށް ކުރިއަށް ދާން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު މި ހަފުތާ ބަންދުން ފެށިގެން ކޮންމެ ހަފުތާއަކު ވެސް ޕީޕީއެމްގެ ޓީމުތައް އަތޮޅު ތެރެއަށް ދަތުރުކުރާނެކަމަށެވެ.

ރައީސް ޔާމީންގެ ހައްގުގައި އެހެން އެއްވެސް ޕާޓީއަކުން މަސައްކަތްނުކުރާ މިންވަރަށް ޕީޕީއެމްގެ ސަޕޯޓަރުން މަސައްކަތްކުރަމުން އަންނަކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެގޮތުން މެދުކެނޑުމެއް ނެތި ފަސް މަސް ދުވަހު މުޒާހަރާކުރި އެއްވެސް ޕާޓީއެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މި ކަމުގެ އެންމެ ބޮޑު ޝުކުރެއް އަޅުގަނޑު އަދާކުރާނީ ރައީސް ޔާމީނަށް ޓަކައި ޖާނާއި މާލުން ތިޔަބޭފުޅުންގެ ވަގުތު ގުރުބާން ކުރައްވަމުން ތިޔަ ގެންދަވާ ލޮބުވެތި އަންހެން ކަނބަލުންނަށް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޒާހަރާގެ ބައިވެރިންގެ އަދަދު މަދުވުމަކީ ކަންބޮޑުވުމެއް ނޫންކަމަށެވެ. ނަމަވެސް ސަޕޯޓަރުންގެ ހިތްވަރަކީ ޕާޓީއަށް ލިބޭ ހިތްވަރެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ރައީސް ޔަމީން ވެސް ދެއްވާ އިރުޝާދަކީ ހިމޭނުން ނުތިބެ ކެމްޕޭންގެ މަސައްކަތް ކުރިއަށް ގެންދިއުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ރައްޔިތުން ތިބީ އެ މީހުންގެ އަތަށް ވޯޓު ކަރުދާސް އަންނާނެ އިރެއްގެ އިންތިޒާރުގައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުން ތިބީ ގޮތް ނިންމައިގެންކަމަށާއި އެ ކަމުގައި އެއްވެސް ސުވާލެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މި ނިކުންނަނީ ރައީސް ޔާމީނަށް 2023 ކާމިޔާބުކޮށްދިނުމުގެ ބުރަ މަސައްކަތަށް،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް