މިލާން ބަލިކޮށް، އިންޓަ އިން ފައިނަލުގެ ޖާގައެއް ހޯދައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އޭސީ މިލާން ކޮޅަށް ގޯލު ޖެހުމަށްފަހު އިންޓަ މިލާންގެ ލައުޓާރޯ މާޓިނޭޒް އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ އިޓަލީގެ އިންޓަ މިލާނުން ހޯދައިފިއެވެ.

އިންޓަ އިން ފައިނަލުގެ ޖާގައެއް ހޯދީ ސެން ސީރޯގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގު މެޗުގައި 1-0 ގެ ނަތީޖާއަކުން އިންޓަގެ ވާދަވެރި އޭސީ މިލާން ބަލިކޮށްގެންނެވެ. ރޭގެ މެޗަށް ނުކުތް އިރު، ފުރަތަމަ ލެގު މެޗު ވެސް އިންޓަ އިން ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ މިލާނަށް މެޗުގެ ކުރީކޮޅުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ ދިހަވަނަ މިނެޓުގައި އޮލިވިއާ ޖިރޫ ނަގައިދިން ހުރަސް ސްޕެއިން މިޑްފީލްޑަރު ބްރަހިމް ޑިއާޒަށް ރަނގަޅަށް ނިންމާލެވިފައި ނުވާ އިރު، އޭގެ މިނެޓެއް ފަހުން ސެންޑްރޯ ޓޮނަލީ ދިން ބޯޅައަކުން ޑިއާޒް ފޮނުވާލި ހަމަލާ އިންޓަގެ ކެމަރޫން ކީޕަރު އަންޑްރޭ އޮނާނާ ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން މިލާންގެ ޕޯޗުގަލް ފޯވަޑް ރަފައެލް ލިއާއޯ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައި ނުވާ އިރު، ހަކާން ކަލްހަނޮގްލޫ ނަގައިދިން ހިލޭ ޖެހުމަކުން އިންޓަގެ އާޖެންޓީނާ ފޯވަޑް ލައުޓާރޯ މާޓިނޭޒް ބޮލުން ފޮނުވާލި ހަމަލާ މިލާންގެ ފްރާންސް ކީޕަރު މައިކް މައިގްނަން ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

އިންޓަ އިން ގޯލު ޖަހައި ލީޑު ހޯދީ މެޗުގެ 74 ވަނަ މިނެޓުގައެވެ. ރޮމެލޫ ލުކާކޫ ދިން ބޯޅައަކުން އިންޓައަށް އެ ގޯލު ކާމިޔާބުކޮށްދިނީ މާޓިނޭޒެވެ. އޭގެ ހަތަރު މިނެޓު ފަހުން ވެސް މާޓިނޭޒަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މާޓިނޭޒްގެ ހަމަލާ، މިލާންގެ ކީޕަރު މައިގްނަން ވަނީ މަތަކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަ އިން ނުކުންނަން ޖެހޭނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އާއި ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅޭ ސެމީގެ ދެވަނަ ލެގު މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅޭ އެ މެޗު ފެށޭނީ މިރޭ 12:00 ގައެވެ. ރެއާލާއި ސިޓީ ބައްދަލުކުރި ފުރަތަމަ ލެގު މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

comment ކޮމެންޓް