ތެވެލި މަހާސިންތާއަށް ދިރާސާތައް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މީގެ ކުރިން ބޭއްވި ތެވެލި މަހާސިންތާއެއްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން އިލްމީ، ދިރާސާތައް ހުށަހެޅުމުގެ ގޮތުން ބާއްވަމުން އަންނަ ތެވެލި ބައިނަލްއަޤުވާމީ މަހާސިންތާގެ މި އަހަރުގެ މަހާސިންތާގައި ބައިވެރުމަށް ދިރާސާތައް ހުށަހެޅުމުގެ މުއްދަތު އަންނަ ހޯމަ ދުވަހަށް އިތުރު ކޮށްފިއެވެ.

ހަވަނަ ތެވެލި މަހާސިންތާ ބޭއްވުމަށް ނިންމާފައި ވަނީ، މި އަހަރުގެ އޮގަސްޓްމަހުގެ 21 އަދި 22ވަނަ ދުވަހުއެވެ. މި ފަހަރުގެ މަހާސިންތާ ހާއްސަ ކޮށްފައިވަނީ، ދިރާސާތަކުގެ ނަތީޖާގެ އަލީގައި ސިޔާސަތުތައް ބިނާކުރުމަށެވެ.

މި މަހާސިންތާ އަކީ ތަފާތު އެކި ޑިސިޕްލިންތަކުން އިލްމީ ދިރާސާތައް ހުށަހެޅުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ސްކޮލަރުން ބައިވެރިވެގެން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް މަހާސިންތާ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

ހަމަ އެއާ އެކު، މި ކޮންފަރަންސް ބޭއްވުމުގެ އެންމެ މުހިއްމު މަގުސަދަކީ، ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ގައުމީ ޔުނިވާސިޓީއަކީ އިލްމު އުފައްދާ، އިލްމު ކުރިއަރުވާ ޔުނިވާސިޓީއަކަށް ހެދުން ކަމަށް އެމްއެންޔޫއިން ބުންޏެވެ.

ރާއްޖެއަށް ބޭނުންވާ އިލްމީ ދިރާސާތައް ކުރުމާއި ގައުމީ މުހިއްމު ނިންމުންތައް ނިންމުމުގައި ޢިލްމީ ދިރާސާގެ އަލީގައި ގައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއި ޑޮކްޓާ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެހީތެރިވުން ހިމެނޭ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ޔުނިވާސިޓީގެ ރިސާޗް ޑިވެލޮޕްމަންޓް އޮފީހުން ރާވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ރާއްޖޭން ބޭރުގެ ޔުނިވާސިޓީތަކުގެ ޕޮރްފެސަރުންނާއި ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދިފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދައިފައިވާ ހޯދުންތަށް އެކި ސެޝަންސްތަކުގައި ހުށަހެޅުޅިގެންދާނެއެވެ.

މި މަހާސިންތާގައި އިގިރޭސި، ދިވެހި ނުވަތަ ޢަރަބި ބަހުން ޕޭޕަރު ހުށަހެޅޭނެއެވެ.

އެމްއެންޔޫއިން މިދިޔަ އަހަރު ބޭއްވި ތެވެލީގެ ފަސްވަނަ މަހާސިންތާ ހާއްސަކޮށްފައި ވަނީ ގައުމު ބިނާކުރުމަށްޓަކައި ކުރާ ދިރާސާތަކަށެވެ.

comment ކޮމެންޓް