ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓި މައްސަލައާ ގުޅިގެން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުރަމުން އަންނަ ތަހުގީގު ނިންމާލައިފި އެވެ.
އެޗްއާރްސީއެމްގެ މެންބަރު އަހުމަދު އަބްދުލް ކަރީމް މިއަދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު 22 ދުވަސް ވަންދެން ގިރިފުށީގައި ބެހެއްޓި މައްސަލައިގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ރިޕޯޓު އާންމު ކުރެވޭވަރުވާނެ ކަމަށެވެ.
"ތަހުގީގުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައި. މިހާރު ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދަނީ. އެންމެ ލަސްވެގެން ވެސް ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ރިޕޯޓު ހާމަ ކުރެވޭވަރުވާނެ،" ކަރީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި ހުރި އިންސާނީ ހައްގުތަކާ ބެހޭ ބަޔާއި އޭގެ ވަށައިގެން ހުރި ކަންކަތައް ކަމަށެވެ. އަދި ވިދާޅުވީ އެކަމާ ގުޅުން ހުރި ހުރިހާ މީހުން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވާނެ ކަމަށާއި އޭގެތެރެ އިން މަދު ބަޔަކު ފިޔަފައި އެހެން ހުރިހާ ފަރާތަކުން ކޮމިޝަންގެ ސުވާލުތަކަށް ޖަވާބުދީފައިވާ ކަމަށެވެ.
"އެކަމާ ގުޅުން ހުރި ހުރިހާ ފަރާތެއް އަޅުގަނޑުމެން ވަނީ ހާޒިރުކޮށްފައި. އޭގެ ތެރެއިން މަދު ފަރާތެއް ފިޔަވައި އެހެން ހުރިހާ ފަރާތަކުން ވަނީ އަޅުގަނޑުމެންގެ ސުވާލުތަކަށް ޖަވާބުދީފައި،" ކަރީމް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ކޮމިޝަނަށް ހާޒިރުކޮށްފައި ވަނީ ކޮން ބައެއްތޯ ދެންނެވުމުން ކަރީމް ވިދާޅުވީ ކޮމިޝަނަށް ހާޒިރުކުރާ މީހުންގެ މައުލޫމާތު އާންމުކުރުމަކީ ކޮމިޝަނުން އަމަލުކުރާ އުސޫލެއް ނޫންކަމަށާއި ރިޕޯޓު އާންމުކުރާއިރު އޭގައި ހާޒިރުކުރެވުނު ހުރިހާ ފަރާތެއްގެ މައުލޫމާތު ހިމެނިފައިވާނެ ކަމަށެވެ.
އެ މައްސަލައިގައި އެ ކޮމިޝަނަށް ހާޒިރުކޮށްފައިވާ ބައެއް ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވެސް ހިމެނެ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ފުލުހުން ކުރި ތަހުގީގު ނިންމައި މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.