ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނަސް، އެ ކަމަށް ހުރި ގޮންޖެހުންތައް އަދިވެސް ގިނަކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް މަރިޔަމް މުނާ މިއަދު ވިދާޅުވެއްޖެއެވެ.
އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް ފެށުމަށް މިއަދު ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުނާ ވިދާޅުވީ އެ ކޮމިޝަނުން 2019ވަނަ އަހަރު ކުރިއަށް ގެންދިޔަ ރައިޓްސް އޮފް ލައިފް ދިރާސާއިން ދައްކާ ގޮތުގައި އެ ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 23.2 އިންސައްތަ މީހުންނަށް އިންސާނީ ހައްގުތައް އެނގޭ މިންވަރު ކުޑަކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެެ.
"މިއީ މި ކޮމިޝަނުން މަސައްކަތްކުރަން ޖެހިފައިވާ މިންވަރު ވަރަށް ސާފުކޮށް ރަމްޒުކޮށްދޭ ނަތީޖާއެއް،" މުނާ ވިދާޅުވިއެވެ.
އެހެންވެ، މާލެ ސަރަހައްދުގައި ހިންގާ ހޭލުންތެރިކަމުގެ އިތުރަށް އަތޮޅުތަކުގައި ވެސް ވީހާވެސް ފުޅާ ދާއިރާއެއްގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން މުހިންމުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ކަމަށް ބަލައި އެ ކޮމިޝަނުން މިހާރު ގެންދަނީ އަތޮޅުތަކަށް އަމާޒުކޮށް އިންޓަގްރޭޓަޑް ހިއުމަން ރައިޓްސް ޕްރޮގްރާމް ހިންގަމުންކަމަށް މުނާ ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގެ ސަބަބުން ގިނަ ބަޔަކަށް އިންސާނީ ހައްގުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވުމުގެ އިތުރަށް، ހައްގެއް ނިގުޅައިގަނެއްޖެނަމަ ރިޕޯޓްކުރާނެ ގޮތްތަކާއި އެ ކަންކަމާމެދު އަމަލުކުރަން ވީ ގޮތުގެ މައުލޫމާތު ފޯރުކޮށްދެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހަފުތާގައި ފުވައްމުލަކު ސިޓީގައި ވަރަށް މުހިންމު ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށް މުނާ ވިދާޅުވިއެވެ. އެ ހަރަކާތްތަކަކީ:
- ސްކޫލް ދަރިިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކުޑަކުދިންގެ ހައްގުތަކާއި އަދި މެންޓަލް ހެލްތާ ގުޅޭ ސެޝަންތަކާއި ފޯކަސް ގުރޫޕް މީޓިންތައް
- ކުޑަކުދިންގެ ހައްގުތަކައި އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކަށް ހޭލުންތެރިކުރުވުމުގެ ގޮތުން ޓީޗަރުންނާއި ބެލެނިވެރިންނަށް ހިންގޭ ޕްރޮގްރާމް
- އެންޓި ޓޯޗާ ގާނުނަށް އިދާރާތަކާއި އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް
އޭގެ އިތުރަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން އެކިއެކި ގާނޫނީ ކަންކަމާ ގުޅޭ މައުލޫމާތު ދީ އެފަަަދަ މައްސަލަތަކުގައި ކުރިއަށް ދާންވީ ގޮތުގެ ލަފާ ދިނުމަށް ލީގަލް ކްލިނިކެއް ވެސް އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ދާނެ ކަމަށް މުނާ ވިދާޅުވިއެވެ.
ހަފުތާ ނިންމާލާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު އެންމެހާ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހިއުމަން ރައިޓްސް ފެއާއިން ކަމަށް ވެސް މުނާ ވިދާޅުވިއެވެ.