ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ސައިކަލަކާ ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެެވެ.

ދަރުބާރުގޭ ކަންމަތީގައި ހިނގި މި އެކްސިޑެންޓުގައި ޒުވާނަކަށް ވަނީ އަނިޔާވެފައެވެ. އެ ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން ކިޔައިދިން ގޮތުގައި އޭނާގެ ބޯ ވަނީ ފެޅިފައެވެ. އަދި، އެ ނޫނަސް އިތުރު ޒަޚަމްތައް ވެސް ލިބިފައިވެއެވެ.

އެކްސިޑެންޓު ހިނގި ވަގުތު އެ ތަނުގައި ތިބި މީހުން ބުނީ އެ ކާރަކީ އަމީނީމަގުން ނުކުމެ ދަރުބާރުގެ ކައިރިން ބޮޑުތަކުރުފާނުމަގަށް ނުކުންނަން ދިޔަ ކާރެއް ކަމަށެވެ. ނަމަވެސް، އެ މަގަށް އަޅަން ސިގްނަލް ދީފައިވަނިކޮށް ސައިކަލުގައި ދިޔަ ޒުވާނާ ބާރު ސްޕީޑުގައި ނުބައި ފަޅިން އޯވަޓޭކް ކުރީ ކަމަށް އެ ތަނުގައި ތިބި މީހުން ކިޔައިިދިނެވެ.

"ވަރަށް ބާރަށް އޭނާ ދުއްވައިފައި ދިޔައީ. ސައިކަލުގައި ޖެހިފައި ހަމަ ވިއްސައިގެން ދިޔައީ،" މަންޒަރު ދުށް މީހުން ކިޔައިދިނެވެ.

އެ ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން ކިޔައިދިން ގޮތުގައި އަނިޔާވި މީހާ އެތައް އިރަކު އަވީގައި ބާއްވަން ޖެހުނެވެ. އެކްސިޑެންޓް ހިނގި ވަގުތު އެމްބިއުލާންސަށް ގުޅި ނަމަވެސް އެމްބިއުލާންސް އެ ސަރަހައްދަށް ދާން 25ހަކަށް މިނެޓު ނެގިއެވެ.

އެ ތަނުގައި ތިބި މީހުން ވަނީ އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އައިޖީއެމްއެޗްގެ އެމްބިއުލާންސްގައި އަނިޔާވި ޒުވާނާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ނިރޮޅުމަގު ޗަނބޭލީމަގު 3 ކުރިމަތީ ދެ ސައިކަލް ޖެހި ވެސް ނުރަކާތެރި އެކްސިޑެންޓެއް މިއަދު ވަނީ ހިނގައިފައެވެ. އެ އެކްސިޑެންޓުގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ވެފައެވެ.

comment ކޮމެންޓް