ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ސަޕޯޓަރުންގެ އިހުތިޖާޖުތަކާ ގުޅިގެން އެ ކްލަބު ދޫކޮށްލުމަށް ބޭނުންވާކަން ބްރެޒިލް ތަރި ނޭމާ، ޕީއެސްޖީއަށް އަންގާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ޕީއެސްޖީގެ ނަތީޖާތަކާ މެދު ހިތްހަމަނުޖެހިގެން އެ ކްލަބުގެ ސަޕޯޓަރުން އެންމެ ބޮޑަށް ނުރުހުން ފާޅުކުރަމުންދަނީ ނޭމާ އާއި އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށެވެ. ދާދި ފަހުން ނޭމާ ދިރިއުޅެމުންދާ ގޭގެ ކުރިމަތީގައި ވެސް ސަޕޯޓަރުން ވަނީ އިހުތިތާޖުކޮށްފައެވެ.
ފްރާންސްގެ ނޫހެއް ކަމަށްވާ "ލެ ޕެރިސިއެން" އިން ރިޕޯޓުކުރާ ގޮތުގައި ސަޕޯޓަރުންގެ އިހުތިޖާޖުތަކާ ގުޅިގެން އެ ކްލަބުގައި މަޑުކުރުމުގެ ވިސްނުން ނޭމާ ބަދަލުކޮށް، އެކަން ކްލަބަށް ވަނީ އަންގައިފައެވެ. ޕީއެސްޖީ ދޫކޮށް ނޭމާ ދާން ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ނޭމާ ހޯދުމަށް އިނގިރޭސި ކްލަބުތައް ކަމަށްވާ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ނިއުކާސަލް ޔުނައިޓެޑުން މަސައްކަތްކުރާ ކަމަށް ވެސް ދާދިފަހުން ވަނީ ހަބަރުތައް ފެތުރިފައެވެ. ނަމަވެސް އެ ކްލަބުތަކުން ރަސްމީކޮށް އެކަމަށް ބަހެއް ބުނެފައެއް ނުވެއެވެ.
މިސީޒަން ނިމުމުން ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުން ވެސް ނިމުމަކަށް އަންނާނެއެވެ. މެސީ ހޯދުމަށް ސައުދީ އަރަބިއާގެ އަލް ހިލާލުން އޭނާއަށް އަހަރަކު 400 މިލިއަން ޕައުންޑް (505 މިލިއަން ޑޮލަރު) ދޭ ހުށަހެޅުމެއް ހުށަހަޅާފައިވާ އިރު، އެ ހުށަހެޅުމަށް މެސީ އެއްބަސްވެފައިވާ ކަމަށް ވެސް ދާދިފަހުން ވަނީ ރިޕޯޓުކޮށްފައެވެ.
އަލް ހިލާލްގެ އިތުރުން މެސީގެ ކުރީގެ ކްލަބު ބާސެލޯނާ އިން ވެސް ދަނީ އޭނާ ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީ އިންވެސް މެސީއަށް ޝައުގުވެރިވެއެވެ.