މާލޭ މަގުމަތި ބަލަހައްޓަން މަގުފާރަވެރިންގެ ޚިދުމަތް އިފުތިތާހުކޮށްފި

"ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް"ގެ ނަމުގައި މަގުފާރަވެރިންގެ ޚިދުމަތް އިފްތިތާހު ކުރުން -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީގެ މަގުތައް ބެލެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް"ގެ ނަމުގައި މަގުފާރަވެރިންގެ ޚިދުމަތް އިފުތިތާހުކޮށްފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހު ކޮށްދެއްވާފައި ވަނީ، މާލެ ސިޓީގެ މޭޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ، މި ޚިދުމަތަކީ ބޮޑު ޒިންމާއަކާ އެކު އަލަށް ފަށާ ކަމެއް ކަމަށެވެ. އަދި މިއީ ކައުންސިލުގެ ހުރިހާ މެމްބަރުން ވަރަށް ބޮޑަށް އުންމީދު ކުރަމުން އައި ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކައުންސިލަށް ދެ އަހަރު ފުރޭއިރު ވަރަށް ބޮޑު އުފަލެއް އެއީ އަޅުގަނޑުމެން ތަސައްވަރު ކުރި ޕްލޭންގަ އޮތް ގޮތަށް، ވަރަށް އުނދަގޫ ކަމެއް ނަމަވެސް ވަރަށް މުހިންމު ކަމެއް ހާސިލު ވާތީ،" މޭޔަރު ވިދާޅުވިއެވެ.

"ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް"ގެ ނަމުގައި މަގުފާރަވެރިންގެ ޚިދުމަތް އިފްތިތާހު ކުރުން -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މޭޔަރު ވިދާޅުވީ ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި މާލެ ސިޓީ ކައުންސިލުން މި ބިޔަބޮޑު މަސައްކަތް ފެށީ ސަރުކާރުން ދީފައިވާ ބަޖެޓުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ގިނަ ދިވެހިންތަކަކަށް ވަޒީފާ ލިބިފައި ވާކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް"ގެ ބޭނުމަށް މާލެ ވަނީ އަށް ޒޯނަކަށް ބަހާލައިފައެވެ. މި ޔުނިޓް ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއާއެވެ.

ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ ބައެއް ޒިންމާތަކުގެ ތެރޭގައި:

  • މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުން
  • ޕެލެޓް ބެހެއްޓުން
  • މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުން
  • ޕާކް ކުރުމުގެ މައްސަލަތައް
  • ޓްރެފިކް (ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުން)
  • އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން
  • ހިނގާ މީހުންގެ ބޮލަށް ގޭގެއިން ފެން ފޭބުން ހައްލުކުރުން
comment ކޮމެންޓް