ކޮވިޑް ކޭސްތައް ގިނަވުމަށް ފަހު، އަދަދުތައް ދަށަށް

ކޮވިޑު ޓެސްޓް ހަދަނިކޮށް -- ސަން ފޮޓޯ/ފަޔާޒް މޫސާ

‎ފާއިތުވި ހަފުތާތަކުގައި ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު އިތުރުވުމަށް ފަހު، މިހާރު ކޭސްތަކުގެ އަދަދު ދަށް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކޮންމެ ހަފުތާއަކު ހާމަކުރާ ކޮވިޑުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ މާޗު ފަހުކޮޅާ ހަމައަށް ކޮވިޑު ކޭސްތަކުގެ އަދަދު އުޅުނީ 20 އަށްވުރެ ދަށުގައެވެ.

ނަމަވެސް މިދިޔަ މާޗު މަހުގެ ފަހުކޮޅު 39 ކޭސް ފެނި، ކޮވިޑު ޖެހޭ މީހުން އިތުރުވަމުން ގޮސް، މިދިޔަ އޭޕްރީލް މަހުގެ މެދުތެރޭގައި އެ އަދަދު ވަނީ 199 އަށް ވެސް އިތުރުވެފައެވެ. އޭގެ ފަހުން ވެސް އޭޕްރީލް މަހުގެ ފަހު ހަފުތާގައި ކޮވިޑު ކޭސްތަކުގެ އަދަދު 194ގައި ހުރުމަށްފަހު، އެ އަދަދު ދަށަށް ދިޔައީ މި މަސް ފެށުނު ހަފުތާގައެވެ. އެއީ 91 ކޭސްއެވެ.

އޭގެ ފަހުން، އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 63 މީހުންނެވެ. އެގޮތުން 38 މީހަކު މާލޭ ސަރަހައްދުން ޕޮޒިޓިވް ވެފައިވާއިރު، އަތޮޅު ތެރެއިން 17 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ދެން ތިބި އަށް މީހުންނަކީ އެހެން ސަރަހައްދުތަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުންނެވެ.

މިއާއެކު، މިހާތަނަށް ރާއްޖެއިން، ކޮވިޑަށް 186،589 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި ޖުމުލަ 314 މީހުން މަރުވެފައިވާއިރު، މި މަސް ފެށުނު ހަފުތާގައި ކޮވިޑުގައި އެކަކު ވަނީ މަރުވެފައެވެ.

މިދޭތެރެއިން ކޮވިޑު ކޭސްތަކުގެ އަދަދު އިތުރުވާތީ، އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް