ކުޑަހުވަދޫގައި ނުކުޅެދުންތެރިކަން ހުރި ބަޔަކު ދިރިއުޅޭ ގެއެއްގެ ފުރާޅު އެއްލާލައިފި

ކުޑަހުވަދޫ ގެއެއްގެ ފުރާޅު ވިއްސާލާފައި

ދ. ކުޑަހުވަދޫއަށް ރޭ ވެހުނު ވާރޭގައި ނުކުޅެދުންތެރިކަން ހުންނަ ބަޔަކު ދިރިއުޅޭ ގެއެއްގެ ފުރާޅު ވަޔާ އެއްލާލައިފިއެވެ.

މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް ތޯގާ އަހްމަދު ވިދާޅުވީ، ރޭ ވެހުނު ވާރޭގައި ދެ ގެއެއްގެ ފުރާޅު އެއްލާލައިފައި ވާކަމަށެވެ.

އޭގެ ތެރެއިން އެއް ގެއަކީ ނުކުޅެދުންތެރިކަން ހުންނަ ދެމަފިރިއަކު ދިރިއުޅޭ ގެއެއް ކަމަށާއި ވިއްސާރައިގެ ސަބަބުން އެ ގެއަށް އެކި ވަރުގެ ގެއްލުންތައް ލިބިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ދެވަނަ ގެއަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައި ވަނީ، ރޭ މެންދަމު 3:30ހާއިރެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ތޯގާ ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ސިފައިންނާއި ކައުންސިލުން އެތަނަށް ގޮސްފައި ވާކަމަށެވެ. އަދި ކައުންސިލުން އެ ދެމަފިރިންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަހުވަދޫ ގެއެއްގެ ފުރާޅު ވިއްސާލާފައި

ހުޅަނގު މޫސުން ފެށި ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ މޫސުން ގޯސްވެފައެވެ. އެގޮތުން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެގޮތުން، މެދު ރާއްޖެތެރެއާ އުތުރުގެ އެކި ހިސާބަށް ވިއްސާރަކޮށް، ގުގުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި, ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް ބުނެއެވެ.

ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. އަދި, އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

comment ކޮމެންޓް