މިދިޔަ މަހު ޑެންގީ ޖެހުނު މީހުންގެ އަދަދު މައްޗަށް

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ގާއިމް ކޮއްފައި ހުރި ފްލޫ ކުލިނިކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މާޗު މަހާ އަޅާބަލާއިރު، މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު މައްޗަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން ކޮންމެ މަހަކު އާއްމުކުރާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މާޗު މަހު ޑެންގީގެ، 169 ކޭސް ރިޕޯޓް ކޮށްފައިވާއިރު މިދިޔަ މަހު ޑެންގީގެ 320 ކޭސް ރިޕޯޓުކުރިއެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގައި މި ދުވަސްވަރަ އަޅާބަލާއިރު މި އަހަރުގެ ޑެންގީ ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

ޑެންގީގެ އިތުރުން، އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު މީހުންނާއި ޕޮޒިޓިވްވީ މީހުންގެ އަދަދު އޭޕްރިލް މަހު އިތުރެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޓެސްޓް ކުރެވުނު 609 ސާމްޕަލްގެ ތެރެއިން 75 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ.

ނަމަވެސް އަަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރި އަދަދު ވަނީ މަހުންމަހަށް ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ މާޗު މަހު 37،969 ކޭސް ރިޕޯޓް ކޮށްފައިވާއިރު، މިދިޔަ މަހު ރިޕޯޓު ކުރީ، 29،970 ކޭސްއެވެ.

ހަމަ އެއާއެކު، ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރި އަދަދު ވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ މާޗު މަހު ބޭރަށް ހިންގުން ޖެހިގެން 3،044 ކޭސް ރިޕޯޓް ކޮށްފައިވާއިރު، މިދިޔަ މަހު ރިޕޯޓުކުރި 4،042 ކޭސްއެވެ.

ޑެންގީގެ ކޭސްތައް އިތުރުވާތީ އެޗްޕީއޭއިން ވަނީ ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއ،ި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ. އަދި އަރިދަސްފުސް ރޯގާ އާއި ބޭރަށް ހިންގުން ދަށަށް ދިޔަ ނަމަވެސް، އެޗްޕީއޭއިން މި ބަލިތަކަށް ރައްކާތެރިވުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް