އިސްވެރިންގެ 'އޮފް ދަ ރެކޯޑް' ބައްދަލުވުމަކަށް ޝާހިދު ޖަޕާނަށް

މިނިސްޓަރު ޝާހިދު / ފޮޓޯ: ފޮރިން މިނިސްޓްރީ

ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށް ދާ މިއުނިކް ލީޑާސް މީޓިން ގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނަށް ވަޑައިގެންފިއެވެ.

ޖަޕާން ސަރުކާރާ ގުޅިގެން އިއްޔެ ފަށާފައިވާ މި ބައްދަލުވުން ކުރިއަށް ދާނީ މާދަމާގެ ނިޔަލަށް ޖަޕާނުގެ ޓޯކިޔޯގައެވެ. މިއުނިކް ލީޑާސް މީޓިން އަކީ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މީޓިންއެކެވެ. މިއީ 24 ގަޑިއިރަށް "އޮފް ދަ ރެކޯޑު"ގައި ކުރިއަށްދާ ބައްދަލުވުމެކެވެ. މި ބައްދަލުވުން ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދެއެވެ.

މި ބައްދަލުވުމުގައި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުންނާއި، ސިވިލް ސޮސައިޓީ ރެޕްރެޒެންޓޭޓިވުންގެ އިތުރުން ކުންފުނިތަކުގެ ސީއީއޯއިންނާއ، ޕްރައިވެޓް ސެކްޓަރއިން މަތީ ފަންތީގެ ރެޕްރެޒެންޓޭޓިވުންނާއި، ނަން މަޝްހޫރު ނޫސްވެރިން ބައިވެރިވެއެވެ.

އަދި، ބައިނަލްއަގްވާމީ ސެކިއުރިޓީ ޕޮލިސީއާއި، ސަރަހައްދީގޮތުން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާތައް ބާއްވާނެއެވެ.

މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވާއިރު މިނިސްޓަރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލާއި، ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާއާއި އަދި މިއުނިކް ލީޑާސް މީޓިންގައި ބައިވެރިވެވަޑައިގަންނަވާ އެހެން މިނިސްޓަރުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައި ވާ ކަމަށެވެ.

comment ކޮމެންޓް