އިންތިޚާބާ ދިމާކޮށް ތުރުކީގައި ޓްވިޓާ ''ސެންސަރު'' ކުރުން މަސްކް ދިފާއު ކުރައްވައިފި

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އާއި ޓްވިޓާގެ ވެރިޔާ އީލޯން މަސްކް ވަނީ މީގެ ކުރިން ބައްދަލުކުރައްވާފަ --

ތުރުކީގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެގައުމާ ގުޅުން ހުރި ބައެއް މައުލޫމާތު ސެންސަރު ކުރަން ނިންމި ނިންމުން ޓްވިޓާގެ ވެރިޔާ އީލޯން މަސްކް ދިފާއު ކުރައްވައިފިއެވެ.

އެކަން ދިފާއު ކުރައްވާ މަސްކް ވިދާޅުވީ ތުރުކީގައި މިހާތަނަށް ބާއްވާ އެންމެ މުހިންމު އެއް ރިޔާސީ އިންތިޚާބާ ދިމާކޮށް ޓްވިޓާއިން ތުރުކީއާ ގުޅުން ހުރި ބައެއް ކޮންޓެންޓްތައް މަނާކުރަން ނިންމީ، ޓްވިޓާ މެދުވެރިކޮށް ދޮގު ޚަބަރުތަކާއި، ނުބައި ތަޞައްވަރުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަމަލުތައް ހުއްޓުވުމަށް ޓްވިޓާއިން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން މިކަން އެކައުންޓް ހޯލްޑަރުންނަށް އަންގާފައިވާނެ. މި ކޮންޓެންޓް ދުނިޔޭގެ އެހެން ގައުމުތަކުގައި ލިބެން ހުންނާނެ،" އެ ބަޔާނުގައިވެއެވެ.

ޓްވިޓާގެ މި ނިންމުމުގެ ފަހަތުގައި ވާ ސަބަބެއް އަދި ބްލޮކް ކުރާނީ ކޮން ކޮންޓެންޓެއް ކަމެއް ހާމަކޮށްފައި ނުވި ނަމަވެސް، ތުރުކީގެ ސަރުކާރާ އިދިކޮޅު ޚިޔާލުތައް ސެންސަރު ކުރުމުގެ ބިރު އޮތް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އުރުދުޣާންގެ ސަރުކާރުން މީގެ ކުރިން ވެސް ވަނީ ޓްވިޓާ އާއި އެހެނިހެން ސައިޓްތައް އެތައް ފަހަރެއްގެ މަތިން ބްލޮކްކޮށްފައެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު އައި ބާރުގަދަ ބިންހެލުމަށް ފަހު ވެސް ބައެއް ސައިޓުތަކަށް ނުވަދެވޭ ގޮތް ހެދިއެވެ.

ބްލޫމްބާގްގެ ކޮލަމިސްޓް މެތިއު ޔެގްލޭސިއަސް ލިޔުއްވާފައިވާ ގޮތުގައި ތުރުކީ ސަރުކާރުން ޓްވިޓާގައި އެދުނީ ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކުރިން ވާދަވެރިންގެ އެކައުންޓްތައް ސެންސަރު ކުރުމަށެވެ.

ކޮލަމިސްޓްގެ މިތުހުމަށް މަސްކް ވަނީ ހަރުކަށި ޖަވާބެއް ދެއްވާފައެވެ. އަދި ޓްވިޓާއަށް އޮތީ ދެ ގޮތެއް ކަމަށާއި އެއީ ތުރުކީގައި މުޅި ޓްވިޓާ ތްރޮޓުލް ކުރުން ނުވަތަ ބައެއް ޓްވީޓްތައް ނުފެންނަ ގޮތް ހެދުން ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި މަސްކް އާއި އުރުދުޣާން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބައްދަލުކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ދުވަސްވަރުވެސް އުރުދުޣާން، މަސްކްއާ ބައްދަލުކުރައްވާފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކޮންޓެންޓް ބެލެހެއްޓުމުގައި ދެފުށް ފެންނަ ގޮތަށް އަމަލު ކުރުމަށް ގޮވާލާފައެވެ.

އެޗްއާރުޑަބްލިއުއިން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ އިންތިޚާބު ކައިރިވަމުން އަންނައިރު، އިންތިޚާބު މޮނިޓާ ކުރަމުންދާ ފަރާތްތަކުގެ މަސައްކަތާއި ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް އާންމުންނަށް ސޯޝަލް މީޑިއާ އާއި އިންޓަނެޓުގެ ޚިދުމަތް ފުރިހަމައަށް ދިނުން މުހިންމު ކަމަށެވެ.

comment ކޮމެންޓް