އޭއައިގެ ސަބަބުން ވަޒީފާ ގެއްލޭ މީހުންނަށް ހައްލު ހޯދައިދޭން ގޮވާލައިފި

މުސްތަފާ ސުލައިމާން--

އާޓިފިޝަލް އިންޓެލިޖެންސްއާ ހެދި ވަޒީފާ ގެއްލޭ މީހުންގެ މައްސަލައަށް ހައްލެއް ހޯދަން ޖެހޭ ކަމަށް އެ ދާއިރާގެ އިސް ތަޖުރިބާކާރަކު ބުނެފިއެވެ.

ދެހާސް ސާދަ ވަނަ އަހަރު ގޫގުލްއަށް ވިއްކާލި ލަންޑަންގެ ލެބް ޑީޕްމައިންޑް އުފެއްދި، މުސްތަފާ ސުލައިމާން އެމެރިކާގެ ސެން ފްރެންސިސްކޯގައި ބޭއްވި ޖީއައިސީ ބްރިޖް ފޯރަމްގެ އިވެންޓުގައި ބައިވެރިވި ފަރާތްތަކާ ވާހަކަ ދައްކަމުން ބުނީ ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކުން އިސްނަގައިގެން ޔުނިވާސަލް ބޭސިކް އިންކަމް (ޔޫބީއައި) ފަދަ ކޮންމެވެސް ވަރެއްގެ އެހީއެއް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

"މިއީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން އަޅުގަނޑުމެން ސީރިއަސްކޮށް ވާހަކަ ދައްކަން ފަށަން ޖެހޭ ކަމެއް." މުސްތަފާ ސުލައިމާން ބުންޏެވެ.

މިޑްޖާނީ އާއި ޗެޓްޖީޕީޓީ ފަދަ، އިންސާނަކާ ގާތްގަނޑަކަށް ތަފާތު ނުކުރެވޭ ފަދަ ކޮންޓެންޓެއް އުފައްދަފާނެ ޖެނެރޭޓިވް އޭއައިގެ ސަބަބުން އެމެރިކާ އާއި ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ 300 މިލިއަން ފުލްޓައިމް މުވައްޒަފުން ވަޒީފާއިން ވަކިވެދާނެ ކަމަށް ގޯލްޑްމަން ސެކްސްއިން ވަނީ މިދިޔަ މާޗް މަހު ބުނެފައެވެ.

"ޝައްކެއް ވެސް ނެތް ގޮތުގައި ކުރިއަށް އޮތް ފަސް އަހަރާއި 10 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތައް ކުރާ ގޮތް ވަރަށް ތަފާތުވާނެ،" ސުލެއިމާން ބުންޏެވެ.

އޭނާ އިތުރަށް ބުނީ އޭއައިގެ ސަބަބުން ވަޒީފާ ގެއްލޭ މީހުންނަކީ ވަރަށް ފަގީރު ބަޔަކަށް ވެގެން ހިނގައިދާނެ ކަމަށެވެ. އޭގެ ތެރޭގައި ޢިލްމުގެ ދާއިރާގައި ނުވަތަ ކޮންޓެންޓް އުފެއްދުމުގައި މަސައްކަތްކުރާ އެތައް މިލިއަން ބަޔަކު ހިމެނިދާނެ ކަމަށް އޭނާ ބުންޏެވެ.

ލިންކްޑްއިން ބިލިއަނަރު ރީޑް ހޮފްމަންގެ އެހީގައި އިންފްލެކްޝަންގެ ނަމުގައި އާ ސްޓާޓްއަޕެއް ތައާރަފުކުރަން ފެށި ޑީޕްމައިންޑްގެ ކޯފައުންޑާގެ އިންޒާރަކީ ޓެކްނޮލޮޖީގެ ދާއިރާގައި އިސްކޮށް އުޅޭ މީހަކު އެހެން ބުނި ފުރަތަމަ ފަހަރެއް ނޫނެވެ.

މިދިޔަ މާޗު މަހު އެލޮން މަސްކް އާއި ސްޓީވް ވޮޒްނިއާކް އާއި އަދިވެސް ބޮޑެތި ޓެކް ކުންފުނިތައް ތަމްސީލް ކުރައްވާ ވެރިން ހިމެނޭ ގޮތަށް ވަނީ، އެޑްވާންސްޑް އޭއައި ރިސާޗް ލަސްކުރުމަށް ގޮވާލާ ސިޓީއެއް ޢާއްމުކޮށްފައެވެ.

އޭއައިއާ ބެހޭ ގޮތުން ނިންމާ ނިންމުންތައް "އިންތިހާބު ނުކުރާ ޓެކް ލީޑަރުންނާ ހަވާލުކޮށްގެން ނުވާނެ" ކަމަށާއި އިތުރު ބާރުގަދަ ސިސްޓަމްތައް ތަރައްގީ ކުރަން ވާނީ "އޭގެ އަސަރުތައް ރަނގަޅުވާނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށާއި އޭގެ ނުރައްކާތައް މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން ލިބުމުން" ކަމަށް އެ މީހުން ބުންޏެވެ.

މިވާހަކަތަކަށް ބާރުލިބޭ ގޮތުން، އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން ވަނީ އޭނާގެ ޗެޓްޖީޕީޓީ އާއި ޑީއެލް-އީ އުފެއްދުންތަކާ މެދު ހުރި ކަންބޮޑުވުންތައް ފިލުވަން މަސައްކަތް ކުރައްވައި، އެ މަސައްކަތުގައި ގިނަ ބަޔަކު އޭއައިއިން ވަރަށް މުއްސަނދި ކޮށްދޭނެ ކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު