އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ މި މަހު 30 ގައި

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން --

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މޭ މަހުގެ 30ވަނަ ދުވަހުގެ ރޭ ބާއްވަން ތާވަލްކޮށްފިއެވެ.

ސަރުކާރާއި ދިވެހި ރައްޔިތުންގެ ހިއްސާ އޮންނަ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީން ނެރެފައިވާ އަހަރީ އާއްމު ޖަލްސާގެ ނޯޓިސްގައި ބުނެފައިވަނީ، އެ ކުންފުނީގެ ހުސްވި އަހަރުގެ އަހަރީ އާއްމު ޖަލްސާ މިހިނގާ މެއިމަހުގެ 30 ވާ ހޯމަދުވަހުގެ ރޭ 21:00 ގައި މެންހަޓަން ބިޒްނަސް ހޮޓަލުގެ ހޯލްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި ޖަލްސާގައި ޙިއްސާދާރުންނަށް ބަހާނޭ ފައިދާއާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމުމާއި، ކުރިއަށް އޮތް އަހަރަށް އޮޑިޓަރުން އައްޔަނުކުރުން އޮންނާނެއެވެ.

އެމްޓީޑީސީން ވަނީ މިދިޔަ އަހަރު ލިބުނު ފައިދާއިން 20 މިލިއަން ރުފިޔާ ބެހުމަށް ޙިއްޞާދާރުންނަށް ހުށަހަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައެވެ. އެއީ ޙިއްޞާއަކަށް 60 ލާރިއެވެ.

އެމްޓީޑީސީއަށް 2022ވަނަ އަހަރު ސާފްފައިދާގެ ގޮތުގައި 38.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެމްޓީޑީސީން ބުނީ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މި ހިނގާ މޭ މަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ގިނަ ދުވަސްތަކެއް ގެއްލުމުގައި ހިންގަމުން އައި އެމްޓީޑީސީން ޙިއްޞާގެ ފައިދާ ބަހަން ފެށީ 2019 ގައެވެ. އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2006ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

comment ކޮމެންޓް