ގިނަ ބަޔަކު ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ

އުތުރުގެ ރަށެއްގައި ގިނަ ބަޔަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލަ މީޑިއާތަކަށް ފެންމަތިވީ މިދިޔަ ހަފުތާގައެވެ. މިކަމާ ގުޅިގެން އޭރު ފުލުހުން ބުނީ، އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ މަހުގެ 29 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައި ވާކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރާ ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް އެ މައްސަލައަށް ހަފުތާއެއް ވެގެން ދިޔަ އިރު ވެސް މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލައަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވުމުން ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ނަވާރަ ފިރިހެނުން އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް އެރަށު ބައެއް މީހުން ތުހުމަތުކުރެއެވެ. އޭގެ ތެރޭގައި އެ ކުއްޖާގެ އާއިލާގެ މީހުންނާއި ރަށުން ބޭރު މީހުން ހިމެނޭކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާކުރާ ކަން އެ ކުއްޖާގެ މަންމައަށް އެނގޭ ކަމަށް، އެ ރަށު ބައެއް މީހުން ތުހުމަތު ކުރެއެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް މަންމަގެ ފަރާތުން އެއްވެސް ކަހަލަ އެއްބާރުލުމެއް ނުލިބޭ ކަމަށް ވެސް އެ މީހުން ބުނެއެވެ.

އެ ރަށު މީހުން ބުނާ ގޮތުގައި، ޖިންސީ ގޯނާގެ ޝިކާރައަކަށްވި، އެ ކުއްޖާ މިިދިޔަ ރޯދަމަހު ސްކޫލަށް ގޮސްފައެއް ވެސް ނުވެއެވެ.

ނަމަވެސް ކަމާ ބެހޭ އިދާރާއަކުން، މިކަމާ ގުޅިގެން އެއްވެސް އެއްޗެއް ރަސްމީކޮށް ބުނެފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ޖެންޑާ މިނިސްޓްރީން ވަނީ އެ ކުއްޖާ މާލެ ގެނެސްފައެވެ. އަދި ޖެންޑާއިން އެ ކުއްޖާއަށް ރައްކާތެރިކަން ވެސް ދިނެވެ.

comment ކޮމެންޓް