މިރޭ 10ގެ ކުރިން އުކުޅަހު ފަޅުން ސަފާރީ ނެރެން އަންގައިފި

އުކުޅަހުގައި ރާ ވިއްކާކަމަށް ތުހުމަތުކުރާ ސަފާރީ --

އއ. އުކުޅަހު ބަނދަރުގައި ސަފާރީއެއް ބާއްވައިގެން ރަށަށް ބަނގުރާ އެތެރެކުރާ ކަމަށް ތުހުމަތު ކުރާ މައްސަލައިގައި، އެ ސަފާރީ މިރޭ 10ގެ ކުރިން އުކުޅަހު ފަޅުން ބޭރުކުރުމަށް ކޯޓު އަމުރެއް ނެރެފިއެވެ.

އެ ސަފާރީ އުކުޅަހު ފަޅުން ނެރުމަށް އަންގާ އެރަށު ކޯޓުން އަމުރެއް ނެރުނީ ކައުންސިލުން އެފަދަ އަމުރަކަށް އެދުމުންނެވެ. އެ އަމުރުގައި ވަނީ 24 ގަޑިއިރުތެރޭ ސަފާރީ އުކުޅަހު ފަޅުން ބޭރު ކުރުމަށެވެ.

އެރަށުން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ، ކޯޓު އަމުރަށް 24 ގަޑިއިރު ހަމަވާނީ، މިރޭ 10 ޖަހާއިރަށް ކަމަށެވެ. އަދި އެވަގުތަށް ސަފާރީ ނުނަގައިފި ނަމަ، ރަށު ރައްޔިތުން ތިބީ މުޒާހަރާތައް އަލުން ފަށަން ތައްޔާރަށްކަމަށް އޭނާ ބުންޏެވެ.

ސަފާރީން އުކުޅަހަށް ބަނގުރާ އެތެރެކުރާ މައްސަލަ ބޮޑުވެ، އެރަށު ރައްޔިތުން ވަނީ، ކައުންސިލް ދޮދަށް އެއްވެ އެކަން ހުއްޓުވުމަށް މަސައްކަތްކޮށްދިނުމަށް އެދިފައެވެ.

އުކުޅަހު ރައްޔިތުން ކައުންސިލް އިދާރާއަށް އެއްވެ --

އެގޮތުން ކައުންސިލުން އެދިގެން ކޯޓުން ނެރުނު އަމުރެއްގެ ދަށުން ސަފާރީ ބަލާފާސްކުރި އިރު، އޭގައި ބަނގުރާ ނެތްކަމަށް ރަށު މީހުން ބުނެއެވެ. ރަށު މީހުން ތުހުމަތުކުރާ ގޮތުގައި، ފުލުހުން ސަފާރީ ފާސްކުރަން ދާކަން އެނގުމުން އެމީހުން ރާފުޅިތައް ފޮރުވީއެވެ.

އެ ރަށު ރައްޔިތުން ދެކޭ ގޮތުގައި އެ ސަފާރީ ބަލާ ފާސްކޮށްގެން ވާނެ ކަމެއް ނެތެވެ.

"އެއީ ރާ ވިއްކަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފައި އޮތް އެއްޗެއް. އެހެންވީމަ ކޮންމެހެން ބަލާ ފާސްކުރަން ޖެހޭ އެއްޗެއް ވެސް ނޫން ދޯ އެއީ،" އޭނާ ބުންޏެވެ.

އެހެންކަމުން ރައްޔިތުން އެދުނީ އެ ސަފާރީ އުކުޅަހު ފަޅުން ނެރުމަށެވެ. ނަމަވެސް ކައުންސިލާ ވާހަކަދައްކައިގެން އެކަމަށް އަލިމަގެއް ނުފެނުމުން މިދިޔަ ހުކުރު ދުވަހު ރަށު ރައްޔިތުން ނުކުމެ އުކުޅަހު ނެރު ބަންދުކުރިއެވެ.

އުކުޅަހު ރައްޔިތުން ކުރި މި މުޒާހަރާތައް މިވަގުތަށް މެދުކަނޑާލާފައި ވަނީ ފުލުހުންގެ އެދުމުގެ މަތިންނެވެ.

އުކުޅަހުން ވާހަކަދެއްކި މީހާ ބުނީ، ބަނގުރަލުގެ މުއާމަލާތު އެރަށުގައި އެންމެ ގަދައަށް ހިންގަނީ ރަށުގައި ހުންނަ ހަޓެއްގައި ކަމަށެވެ. އެހެންކަމުން ސަފާރީ ނެރުމަށްފަހު ދެން ފަށާނީ ހަޓު ބަންދުކުރުމުގެ މަސައްކަތްކަމަށް އޭނާ ބުންޏެވެ.

"އެއީ އެ ސަފާރީގެ މީހުން ހަދާފައި ހުރި ހަޓެއް. ފުލުހުނަށް ވެސް ކައުންސިލަށް ވެސް ބާރެއް ނުފޯރަ،" އޭނާ ބުންޏެވެ.

އުކުޅަހަކީ ގެސްޓުހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ރަށެކެވެ. އެހެން ނަމަވެސް، އެ ރަށުގައި ބަނގުރާ ވިއްކުމާ ރަށުގެ ރައްޔިތުން މުޅިން ދެކޮޅެވެ.

comment ކޮމެންޓް