ނަރުހުން ބިނާ ކުރަން އިންވެސްޓް ކުރުމަކީ ސިއްޙީ ނިޒާމް ހަރުދަނާ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް -- ފޮޓޯ/ ޖޭޕީ

ނަރުހުންގެ ތައުލީމަށް އިންވެސްޓް ކުރުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ކޮލެޖުގެ ބާނީ، ވިލާ ގްރޫޕުގެ ފައުންޑާ އަދި ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބައިނަލް އަގުވާމީ ނަރުހުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ނަރުހުންނަށާއި ނަރުހުންގެ އާއިލާތަކަށާއި، އެންމެހައި ސިއްހީ ޚިދުމަތްތެރިންނަށް އަރިސްކުރައްވާ ގާސިމް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ނަރުހުންގެ ޚިދުމަތަކީ އެފަދަ ދެވަނައެއް ނެތް، އަދި އެ ޚިދުމަތަކާ މެދު ހިތްތައް ޝުކުރުން ފުރޭ ޚިދުމަތެއް ކަމަށެވެ.

އެގޮތުން ވިދާޅުވީ އިންސާނާއަށް އެންމެ އެހީތެރިކަމާއި އަޅާލުން ބޭނުން ވާ ވަގުތަކީ އޭނާ ބަލިހާލަތުގައިވާ ވަގުތުކަމަށެވެ.

އެހެންކަމުން ނަރުހުން ހިނިތުންވުމާއި ލޯތްބާއި އޯގާތެރިކަމާއެކު އަޅާލައި އަޅާލުމަކީ ބަލިމީހާގެ ތަކްލީފުތައް ދުރުވެ، މާތްﷲގެ އިރާދަފުޅާއެކު ބަލިފަސޭހަވުމަށް ޓަކައި އޮންނަ ވަރަށް އަވަސް މަގެއް ކަމުގައި ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ ބައިނަލް އަގުވާމީ ނަރުހުންގެ ދުވަހާ ދިމާކޮށް، ވިލާ ކޮލެޖުގައި ޑިޕްލޮމާ އިން ނާސިން ކޯސް ހަދަމުންދާ ދަރިވަރުންނަށް، އަހަރަކު ތިން ސްކޮލާޝިޕް ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާއި ގުޅިގެން ވިލާފައުންޑޭޝަން މެދުވެރިކޮށް ހަމަޖެހިގެން ދިޔުމުން އުފާ ކުރައްވާ ކަމަށެވެ.

ގާސިމް ވިދާޅުވީ އަދި މީގެތެރެއިން އަންހެން ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ދެ ސްކޮލަޝިޕާއި ފިރިހެން ކެންޑިޑޭޓުންނަށް އެއް ސްކޮލަޝިޕް ހަމަޖެހިގެން ދިއުމަކީ ނުހަނު އުފާކުރާ ކަމެއް ކަމަށެވެ.

"އެހެނީ "އަހަރުމެންގެ ނަރުހުންނަކީ އަހުރުމެންގެ މުސްތަޤްބަލް" ކަމުގައިވުމަށް ޓަކައި، ނަރުހުންގެ ތައުލީމަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅަކަށް ވާތީއެވެ." ޤާސިމް ވިދާޅުވިއެވެ.

ވިލާ ފައުންޑޭޝަނުން ވަނީ ދިވެހި ނަރުހުންނަށް ޚާއްސަކޮށް ސްކޮލާޝިޕް ސްކީމެއް ތައާރަފްކޮށްފައެވެ. މި ސްކީމް ރަސްމީކޮށް ފަށާފައި ވަނީ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގައެވެ.

ބައިނަލް އަގުވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ މޭ މަހުގެ 12 ވަނަ ދުވަހެވެ.

comment ކޮމެންޓް