ދައުލަތުން ނޭޝަނަލް ސޯޝަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ބަޖެޓުގެ ދެބައިކުޅަ އެއްބައި ހުސްވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ ޚަރަދު ބަރަދު ހުރިގޮތް ދައްކުވައިދޭ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ބަޖެޓުގައި އެންސްޕާ އަށް ކަނޑައަޅާފައިވަނީ 1920.3 މިލިއަން ރުފިޔާއެވެ. އަހަރުގެ މިހާތަނަށް އޭގެތެރެއިން 1061 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މިއީ އެންސްޕާއަށް ކަނޑައަޅާފައިވާ ބަޖެޓުގެ 55 އިންސައްތައެވެ. ފާއިތުވި އަހަރު އެންސްޕާއަށް ދައުލަތުން ކަނޑައަޅާފައިވަނީ 1297 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް އޭގެތެރެއިން 832.3 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ކަނޑައަޅާފައިވާ ބަޖެޓުގެ 64.17 އިންސައްތައެވެ.
އެންސްޕާއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ދެބައިކުޅަ އެއްބައި ހުސްވެފައިވާއިރު, އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުގެ 80 އިންސައްތަ ވަނީ ފާއިތުވި މަހާ ހަމައަށް ބޭނުން ކޮށްފައެވެ.
ދައުލަތުން މިއަހަރަށް ކަނޑައަޅާފައި ވަނީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެތެރެއިން 37 އިންސައްތަ މިހާރު ވަނީ ޚަރަދުކޮށްފައެވެ.
އެންސްޕާއިން އާންމު ގޮތެއްގައި ޚަރަދު ކުރަނީ އާސަންދައިން ކަަވަރު ނުކުރާ ކަންކަމަށެވެ. އޭގެ ތެރޭގައި ފަގީރު ހާލަތުގައި ދިިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބައްޕައިންނަށް ދެވޭ މާލީ އެހީ އާއި, ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އެހީއާއި, އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމް ހިމެނެއެވެ.