ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ކަފާލާތުގެ ދަށުން އިއްޔެ ދޫކޮށްލައިފިއެވެ.
އިމްރާން ޚާން ދޫކޮށްލަން އިއްޔެ އިސްލާމްއާބާދުގެ ހައިކޯޓުން އަމުރެއް ނެރުނީ، މިދިޔަ އަންގާރަ ދުވަހު އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމި ފަހުންނެވެ.
އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން އިމްރާންގެ ވަކީލު ފައިސަލް ޗައުދަރީ ވިދާޅުވީ އިމްރާން ކަފާލާތުގެ ދަށުން ދޫކޮށްލާފައި ވަނީ ދެ ހަފުތާއަށް ކަމަށެވެ. އަދި އޭނާގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނަވާ ބަބަރު އަވަން ވަނީ އިމްރާން އަކީ "މިނިވަން ރައްޔިތެއް" ކަމަށާއި އޭނާއަށް މިހާރު ވަކީލުންނާއި އޭނާއަށް ތާއިދު ކުރާ އާންމު ރައްޔިތުންނާ ބައްދަލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އިމްރާން ހައްޔަރުކުރި ގޮތާ ދެކޮޅަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރާ ގުޅިގެން އޭނާ ބަންދުން މިނިވަންކުރި އިރު، އޭނާ އިސްލާމްއާބާދުގައި ރައްކާތެރި ސަރަހައްދެއްގައި ސަލާމަތީ ބާރުތަކުގެ ހިމާޔަތުގައި ބެހެއްޓުމަށް ވެސް އެ ކޯޓުން ވަނީ އަންގާފައެވެ.

އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން ކުރިއަށްގެންދާ މުޒާހަރާތަކުގައި އަށް މީހަކު މަރުވެފައިވޭ -- ފޮޓޯ/ އޭއެފްޕީ
ޕާކިސްތާނުގެ ޖިއޯ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ އިމްރާން ކޯޓަށް ވަޑައިގެންނެވީ ވަރުގަދަ ސާލަމަތީ ފައުޖަކާއެކުގައެވެ.
މިދިޔަ އަންގާރަ ދުވަހު އިމްރާން ހައްޔަރުކުރި ފަހުން އޭނާގެ ސަޕޯޓަރުން ދަނީ އެގައުމުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތަކުގައި އެމީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ސަރުކާރުގެ އެކި ތަންތަނަށް ހަމަލާދީފައިވެއެވެ.
އިމްރާން ހައްޔަރުކުރި ފަހުން ޕާކިސްތާނުގައި ހިނގި ހަމަނުޖެހުންތަކުގައި އަށް މީހަކު މަރުވެފައިވާ އިރު، ހަމަނުޖެހުންތަކާ ގުޅިގެން ގާތްގަނޑަކަށް 2،000 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.