އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ހަމަޖެހުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި މިރޭ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އިންޑިއާ ކަނޑުގެ އިޖުތިމާއި އަދި އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުމަށް އޮތް ނުރައްކާތަކަށް އަދުގެ ސަރުކާރުން ވިސްނާ ކަމަށެވެ. އަދި، އިންޑިއާ ކަނޑުގެ ސަރަހައްދަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ސަރަހައްދު ކަމަށާއި، އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާ އަދި ޔޫރަޕާއި އެމެރިކާ ގުޅުވައިދޭ ވިޔަފާރި ހަބު ކަމުގައި ވިދާޅުވިއެވެ.
އެހެންވެ، އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމް ކުރުމަށް ތިމާވެށި ރައްކާތެރި ކުރުމާއި، ބައިނަލްއަޤްވާމީ ގާނޫނުތައް ނެގެހެއްޓުމަކީ ހުރިހާ ގައުމެއްގެ ޒިންމާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސް / ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވަނީ އިންޑިއާ ކަނޑުގެ ތަނަވަސްކަމާއި، ދެމެހެއްޓެނިވި ހަމަޖެހުމަށް ހުރި ހުރަސްތައް ހައްލުކޮށް، އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާކޮށް ގުޅުންތައް ހަރުދަނާ ކުރުމަށް ގޮވާލައިފައެވެ.
މީގެ އިތުރުން، އެ މަނިކުފާނު ވަނީ އިންޑިއާ ކަނޑުގައި ހަމަޖެހުން ގާއިމްކުރުމަށް ހުރި ނުރައްކާތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައިފައެވެ.
އެގޮތުން، ޓެރަރިޒަމާއި، އިންސާނީ ވަގުފާރިއާއި ގާނޫނާ ޚިލާފަށް ކުރާ ހިޖުރައާއި، މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން، ރިޕޯޓް ނުކުރެވޭ މަސްވެރިކަމާއި ގާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން އަދި ކަނޑުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފުން ފާހަގުރެއްވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ކަންކަމުގެ ސަބަބުން ކަނޑުގެ މުއްސަނދިކަން ކުޑަވުމާއި މޫސުމީ ބަދަލު ސަބަބުން ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ގައުމުތަކަށް އެ ކަމުގެ އަސަރު ބޮޑަށް ކުރާނެ ކަމަށެވެ.

ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސް / ފޮޓޯ: ރައީސް އޮފީސް
ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ މި އަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ދެމެހެއްޓެނިވި ކުރިމަގަކަށް؛ ޞުލްހަ އާއި ފާގަތިކަން އަދި ބައިވެރިވުން" މިއެވެ. ވިލުންވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކާ އެކު އިސްލާހީ ބަދަލުތައް އިޚްތިޔާރު ކުރަންޖެހޭ ކަމަށާއި، ހިރާސްތައް މެނޭޖުކުރުމުގައި، އުނގެނުމާއި އީޖާދީ ވިސްނުމާއި އިސްނެގުން ބޭނުންވާ ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މި ކޮންފަރެންސް ކުރިއަށް ދަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިއަދާއި މާދަމައެވެ.