ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ އޭގެ އެންމެ ފުރިހަމައަށް ގެނެސްދިނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ދައުރުގައި ކަމަށް މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް ޑރ. އާއިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.
ރަފިއްޔާ މި ފަދައިން ވިދާޅުވީ ރޭ ފުވައްމުލަކުގައި ބޭއްވި އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަފިއްޔާ ވަނީ އެމްޑީއޭއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާ އެކު ކޯލިޝަން ހެއްދެވީ ކީއްވެތޯ ރައްޔިތުންގެ ހިތުގައި ސުވާލު އުފައްދާނެ ކަމަށް ވިދާޅުވެފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ އެތައް ދައުރެއް ލޮލު ކުރިމަތިން ނިމިގެން ދިޔައީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ޓީޗަރުންގެ މުސާރައާއި، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންގެ މުސާރައަށް ކުރިއެރުން ލިބޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. އެހެންނަމަވެސް އެ ކުރިއެރުން ގެނެސްދިނީ މި ދައުރުގަ ރައީސް ޞާލިހު ކަން ރަފިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
އިޖްތިމާއީ، އިގްތިސާދީ އަދި އުމްރާނީ ގޮތުން ވެސް ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް އަތޮޅުތެރެއާ މާލެ ސަރަހައްދުގައި ކުރިއަށް ގެންގޮސް ގިނަ މަޝްރޫޢުތަކެއް ނިންމާފައިވާކަން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
"މީގެ ކުރިން އަޅުގަނޑުމެންނަށް ފެނޭ ރައީސުން އިސްތިއުފާ ދޭތަން. ކެބިނެޓް އެއްކޮށް އިސްތިއުފާ ދޭތަން. ގައުމުގެ ނައިބު ރައީސުން ބަދަލުކުރާތަން. އެހެންނަމަވެސް މި ދައުރު ނިމިގެން މި ދަނީ މާ ބޮޑު ބަދަލެއް ނެތި. އެހެންވީމަ އަޅުގަނޑުމެން ރައީސް ޞާލިހާ އެކު މިތިބީ،" ރަފިއްޔާ ވިދާޅުވިއެވެ.
ރައީސް ޞާލިހަކީ މިހާތަނަށް ރާއްޖެ ނުދެކޭވަރުގެ ހިތްވަރާ ޤާބިލްކަން ހުރި ވެރިއެއްގެ ގޮތުގައި ސިފަކުރައްވާ ރަފިއްޔާ ވަނީ ރާއްޖޭގެ އިކޮނޮމީއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާ ކަމަށްވާ ކޮވިޑް-19ގެ ވަބާއިން ޤައުމު ސަލާމަތް ކުރުމުގައި އެ މަނިކުފާނު މުޅި ޤައުމު މެނޭޖްކުރި ގޮތަށް ތައުރީފު ކުރައްވާފައެވެ.
"އެހެންވީމަ އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ 2023ވަނަ އަހަރުގެ އިންތިޚާބުގައި ނޮވެމްބަރު 11 ނިމިގެން ދާއިރު ދެވަނަ ދައުރަކަށް ރައީސް ޞާލިހު ހޮވިގެންދާ ދުވަސް ފެންނާނެއޭ،" އެމްޑީއޭގެ ނައިބު ރައީސް ޑރ. އާއިޝަތު ރަފިއްޔާ
އެމްޑީއޭއިން ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ އެކު މަސައްކަތް ކުރަން ނިންމައި، އެ ޕާޓީއާ އެކު ކޯލިޝަން ހަދައިފައެވެ.