ގެއްލިގެން ހޯދާ ދޯނީގެ ދެ ފަޅުވެރިން ކަނޑުވެފައި ތިއްބާ ފެނިއްޖެ

ގެއްލިގެން ހޯދާ ޖަންބޯ ނަމަކަށް ކިޔާ ދޯނި --- ފޮޓޯ/ އެމްއެންޑީއެފް

ހިލަވެލި ބަރުކޮށްގެން، އިއްޔެ މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި "ޖަންބޯ" ނަމަކަށް ކިޔާ ދޯނި ގެއްލިގެން ހޯދަމުން ދަނިކޮށް އެ ދޯނީގައި ތިބި ދެ މީހުން ކަނޑުވެފައި ތިއްބާ ފެނިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އިއްޔެ ކުރި މަސައްކަތުން އެ ދޯނި ހޯދައި ނުފެނިގެން އެމްއެންޑީއެފްއިން ރޭގެ 23:43 ހާއިރު ވަނީ، އެ ދޯނި ހޯދަން އިއުލާނުކޮށްފައެވެ. އޭރު އޭގައި ދެ މީހަކު ތިބި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ، ސްޕީޑް ލޯންޗަކަށް ދެ މީހަކު ކަނޑުން ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ދެ މީހުންނަކީ ވެސް ގެއްލިގެން ހޯދާ ދޯނީގެ ދެ ފަޅުވެރިން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"މައުލޫމާތު ލިބުނު ގޮތުގައި އެމީހުން ނެގީ މޫދުން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މޫދުން ސަލާމަތްކުރި ދެ މީހުންގެ ހާލުވެސް ރަނގަޅެވެ. ނަމަވެސް އެ މީހުން ފެނުނީ ކިހާ ހިސާބަކުން ކަމެއް އަދި ގެއްލިގެން ހޯދަމުންދާ ދޯނީގެ އެއްވެސް އިތުރު މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ދޯނި ހޯދަން ފެށީ މާލެއިން ފުރައިގެން ގޮސް ކ. ގާފަރުގައި މަޑުކުރުމަށް ފަހު، އިއްޔެ ހެނދުނު 10:40 ހާއިރު ގާފަރުން ފުރައިގެން ބ. ދަރަވަންދުއަށް ދަތުރުކުރަމުން ދަނިކޮށް ޚަބަރެއް ނުވެގެން ކަމަށް އެމްއެންްޑީއެފްއިން ރޭގައި ވަނީ ބުނެފައެވެ.

އެ ދޯނީގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ އިއްޔެ ހެނދުނު 11:35 ހާއިރުއެވެ. އަދި ދޯނި ފުރި ފަހުން ޚަބަރެއް ނުވެގެން ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ އިރުއޮއްސި 18:03 ހާއިރުއެވެ.

ގެއްލިގެން ހޯދާ ޖަންބޯ ދޯންޏަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެކެވެ. މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، އެމްއާރުސީސީގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

މި ދުވަސްކޮޅަކީ ހުޅަނގު މޫސުން ފެށި، މޫސުން ގޯސް ދުވަސްކޮޅެއްގެ ގޮތުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށް، ހާއްސަކޮށް ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. މިފަހުން މާލެ ދަތުރު ކުރާ އެހެން ބޯޓެއް ވެސް އަޑިއަށް ގޮސް ހަ މީހަކު ކަނޑުވެފައި ވަނިކޮށް ވަނީ ސަލާމަތް ކޮށްފައެވެ.

comment ކޮމެންޓް