ރެއާލުން ބެެލިންހަމްއާއެކު އެމްބާޕޭ ވެސް ގެންދަނީ

ޕީއެސްޖީގެ ފްރާންސް ތަރި ކިލިއާން އެމްބާޕޭ (ކ) އަދި ޑޯޓްމަންޑްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް -- ފޮޓޯ/ ގޯލް

ބޮރޫޝިއާ ޑޯޓްމަންޑްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމްއާއެކު ޕީއެސްޖީގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭގެ ސޮއި ހޯދުމަށް ވެސް ރެއާލް މެޑްރިޑުން މަސައްކަތްކުރާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ޕީއެސްޖީ އުނދަގޫ ހާލަތެއްގައި އޮތް އިރު، އެމްބާޕޭގެ ކޮންޓްރެކްޓާ މެދު އެކްލަބަށް ވަނީ ގޮތެއް ނުނިންމިފައެވެ. އަދި މިސީޒަނަށްފަހު އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ބްރެޒިލް ތަރި ނޭމާ ވެސް އެ ކްލަބު ދޫކޮށް ދާނެ ކަމަށް ބެލެވެއެވެ.

"ދަ ޓެލެގްރާފް" އިން ރިޕޯޓުކުރާ ގޮތުގައި ޕީއެސްޖީގެ ހާލަތުގެ ފައިދާ ނަގައި، ރެއާލުން އެމްބާޕޭ ހޯދުމަށް ބިޑް ކުރުމަށް ވަނީ ތައްޔާރުވެފައެވެ. މިދިޔަ ސީޒަނުގައި ވެސް ރެއާލުން އުމުރުން 24 އަހަރުގެ އެމްބާޕޭއަށް 170 މިލިއަން ޕައުންޑް (214 މިލިއަން ޑޮލަރު) ގެ ހުށަހެޅުމެއް ހުށަހެޅި ނަމަވެސް، ފަހުވަގުތު އޭނާ ނިންމީ ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރުމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބެލިންހަމްއަށް ރެއާލުން ހުށަހެޅި ހުށަހެޅުމަށް މިދޔަ ހަފުތާގައި އޭނާ ވަނީ އެއްބަސްވެފައެވެ. ނަމަވެސް ރެއާލުން އަދި ރަސްމީކޮށް ހުށަހެޅުން ހުށަހަޅައިފައެއް ނުވެއެވެ. ރެއާލުން ބެލިންހަމްއާއެކު ތަރިންގެ ސްކޮޑެއް އެކުލަވާލުމަށް އެމްބާޕޭ ހޯދުމަށް ބޮޑު ހަރަދެއް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީއާއެކު މިއަހަރުގެ ކުރީކޮޅު މައްސަލަތަކެއް ޖެހުނު އެމްބާޕޭ، އެކްލަބާއެކު ހަދާފައިވާ އެއްބަސްވުން ދިގު މުއްދަތަކަށް އާކުރާނެ ކަމަކަށް ނުބެލެވެއެވެ. ޕީއެސްޖީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ނިޔަލަށް ނިމުމަކަށް އަންނަ އިރު، އިތުރު 12 މަސް ދުވަހަށް ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު އޮންނާނެއެވެ.

comment ކޮމެންޓް