މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ކޮމިއުނިޓީ ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ކުންފުނީގެ ތަރުޖަމާނު ދާނިޝް ނިޒާމް މިއަދު "ސަން"އަށް ވިދާޅުވީ ކޮމިއުނިޓީ ފަންޑުގެ ނަމުގައި މުޖުތަމައުގެ އެކި މަސައްކަތްތަކަށް އެ ކުންފުނިން ވަނީ ހަ ލައްކަ ރުފިޔާގެ ފަންޑެއް ހަމަޖައްސާފައި ކަމަށެެވެ.
އަހަރަކު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާއިރު، ފުރަތަމަ ފޭސްގެ ދަށުން ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހު އެ ކުންފުނިން ވަނީ ހުޅުވައިލައިފައެވެ.
ކޮމިއުނިޓީ ފަންޑަށް މިމަހުގެ 31ގެ ނިޔަލަށް ކުރިމަތިލެވޭނެއެވެ. ދާނިޝް ވިދާޅުވީ އެ ފަންޑަށް މިހާތަނަށް އަދި ހުށަހަޅާފައިވަނީ ދެ ފަރާތަކުން ކަމަށެވެ.
ފަންޑުގެ ދަށުން އެހީ ދޭ ފަރާތްތައް ކަނޑައެޅުމަށް ޚާއްސަ ކޮމިޓީއެއް އެމްޕީއެލްއިން ވަނީ ކަނޑައަޅާފައެވެ.
ދާނިޝް ވިދާޅުވީ ފަންޑުގެ ދަށުން އެހީވުމުގައި އދ.ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އެހީވުމުގައި އިސްކަންދޭނެ ކަަމަށެވެ. ޕޮއިންޓް ދިނުމުގައި ވެސް ޔޫއެން ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް 40 ޕަސެންޓް ދޭނެ ކަމަށާއި އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 ޕަސެންޓު ދިނުމުގެ އިތުރުން ޕްރޮޖެކްޓް ޕްލޭން އަދި އިމްޕްލިމެންޓް ކުރާ ގޮތަށް 30 ޕަސެންޓު ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް 10 ޕަސެންޓު މާކްސް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެ ކުންފުނިން މި ފަންޑަށް އަހަރަކު 600،000 ރުފިޔާ ކަނޑައަޅާފައިވާއިރު، އަހަރަކު 10 މަޝްރޫއަށް އެހީ ދޭން ވަނީ ނިންމައިފައެވެ.
އެގޮތުން 50،000 ރުފިޔާގެ ކުދި އަށް މަޝްރޫއުއާއި 100،000 ރުފިޔާގެ ބޮޑު ދެ މަޝްރޫއަށް އެހީ ދިނުމަށް ވަނީ ނިންމައިފައެވެ.
ދާނިޝް ވިދާޅުވީ ކޮމިއުނިޓީ ފަންޑަށް، ކައުންސިލްތައް، ހިލޭ ސާބަހަށް މަސައްކަތް ކުރާ ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކާއި ކްލަބްތައް އަދި ސްކޫލްތަކަށް ކުރިމަތިލެވޭނެކަމަށެވެ.
"ކޮމިއުނިޓީ ފަންޑުގެ ދަށުން މި ކުންފުނިން ވަކިން ހުޅުވާލި ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެން ދިޔައީ ސީއެސްއާރު ބަޖެޓުގެ ދަށުން، މުޖުތަމައުގެ ފައިދާއަށް ޖަމިއްޔާތަކުން ކުރާ މަސައްކަތަކަށާއި، ތައުލީމީ ދާއިރާއަށާއި، ކުޅިވަރުގެ ދާއިރާއަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ،" ދާނިޝް ވިދާޅުވިއެވެ.
އެ ކުންފުނީގެ ކޮމިއުނިޓީ ފަންޑަށް ހުށަހެޅުމަށް އެމްޕީއެލްއިން ވަނީ އެދިފައެވެ.