ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކައި އެ ބިމުގައި ތަރައްގީ ކުރި ހިޔާ ފުލެޓުތަކުގެ ކުލި ހަތް އަހަރުގެ މުއްދަތަށް 5،300އަށް ކުޑަކޮށް، އެކަން ސަރުކާރުން އިއުލާނު ކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން އެ ފުލެޓުތަކަށް ދައްކަން ޖެހޭ މަހު ކުލި ހަތް އަހަރު ދުވަހުގެ މުއްދަތަށް 5،300އަށް ކުޑަކުރީ، މުއްދަތު ދެ އަހަރަށް (ޖުމުލަ 27 އަހަރަށް) ދިގު ކުރުމަށް ފަހު ކަމަށެވެ.
"ކުލި ކުޑަ ކުރީއެއް ނޫން، ދައްކަން ޖެހޭ މުއްދަތު މި އިތުރުކޮށްދިނީ،" އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.
ގެނެވުނު ބަދަލުގެ ތަފުސީލު ހިއްސާ ކުރައްވަމުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ، ހިޔާ ފުލެޓުތަކުގެ ކުލި ޖުމުލަ 25 އަހަރަށް ބަހާލައިގެން މިހާރު މަހަކު ދައްކާ 7،500 ރުފިޔާއިން، ހަތް އަހަރު ދުވަހުގެ މުއްދަތަށް 2،200 ރުފިޔާ އުނިކުރީ ކަމަށެވެ.
އެހެންވެ، މި ބަދަލާ އެކު ހަތް އަހަރުގެ މުއްދަތަށް އެ ތަނުގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 5،300 ރުފިޔާއެވެ. މި ބަދަލު ގެނައީ ޖުމުލަ ދައްކަން ޖެހޭ އަދަދު ކުޑަކޮށްގެނެއް ނޫނެވެ. ކުރިން 25 އަހަރަށް ބަހާލައިގެން ދެއްކި ކުލި، 27 އަހަރަށް ބަދަލު ކުރީއެވެ.
މެއިންޓެނަންސް ފީއާ އެކު މަހަކު 8،500 ރުފިޔާ މިހާރު ހިޔާ ފުލެޓުތަކުގެ ކުލީގެ ގޮތުގައި ނަގައެވެ. ނަމަވެސް، މިހާރު ގެނެވުނު ބަދަލާ އެކު މެއިންޓެނަންސް ފީއާ އެކު ދައްކަން ޖެހޭނީ 6،300 ރުފިޔާއެވެ.
ހިޔާ ފުލެޓުތަކުގެ ކުއްޔަށް ލުޔެއް ދީފައި މިވަނީ އެ ތަނުގެ ކުލި ކުޑަކުރަން އެ ތަނުގައި ދިރިއުޅޭ ރައްޔިތުން އެތައް ފަހަރެއްގެ މަތިން ސަރުކާރުގައި ދަންނަވާފައި ވަނިކޮށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފުރަތަމަ އެ ތަން ކުއްޔަށް ދޭން ނިންމާފައި އޮތީ 5،600 ރުފިޔާއަށެވެ. އެހެންވެ، ފުލެޓު ލިބުނު ފަރާތްތަކުން ވަނީ އެ އަދަދަށް ކުލި ކޮށްދޭން އެދި މުޒާހަރާ ވެސް ކޮށްފައެވެ.