މިލާން ބަލިކޮށް، އިންޓައަށް ހަމަޖެހުމެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އޭސީ މިލާން ކޮޅަށް ގޯލު ޖެހުމަށްފަހު، އިންޓަގެ އެޑިން ޖެކޯ އާއި އެޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އޭސީ މިލާން ބަލިކޮށް، އިންޓަ މިލާނުން ހަމަޖެހިލައިފިއެވެ.

ސެން ސީީރޯގައި ރޭ ކުޅުނު މެޗުގައި މިލާންގެ މައްޗަށް އިންޓަ އިން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. އިންޓަ އިން އެޓީމުގެ ދެ ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގައެވެ.

ވަރުގަދަ ކުޅުމަކާއެކު ފެށި އިންޓަ އިން ވަނީ މެޗުގެ އަށް ވަނަ މިނެޓުގައި ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ހަކާން ކަލްހަނޮގްލޫ ދިން ރީތި ބޯޅައަކުން އިންޓައަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ބޮސްނިއާ ފޯވަޑް އެޑިން ޖެކޯއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުކޮށްލާފައިވަނީ މިލާން ގޯލުގެ މަތީ ކަނަކަށެވެ.

އޭގެ ތިން މިނެޓު ތެރޭ އިންޓަ އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ފެޑެރީކޯ ޑިމާކޯ ދިން ބޯޅައަކުން އިންޓައަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އަރްމޭނިއާ މިޑްފީލްޑަރު ހެންރިކް މިކިތާރިއަންއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

އެ ގޯލަށްފަހު ވެސް އިންޓަގެ ނުރައްކާތައް ފެނުނެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ކަލްހަނޮގްލޫ ފޮނުވާލި ހަމަލާއެއް މިލާން ގޯލުގެ ދަނޑީގައި ޖެހުނެވެ. ރީބައުންސް ބޯޅައިން މިކިތާރިއަން ފޮނުވާލި ހަމަލާ އަމާޒުވީ މިލާންގެ ކީޕަރު މައިކް މައިގްނަންގެ އަތަށެވެ.

އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި ރެފްރީ ވަނީ އިންޓައަށް ޕެނަލްޓީއެއް ވެސް ދީފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އިންޓަގެ އާޖެންޓީނާ ފޯވަޑް ލައުޓާރޯ މާޓިނޭޒަށް މިލާންގެ ޑެންމާކް ޑިފެންޑަރު ސިމޮން ކެޔާ ފައުލް ކުރީ ކަމަށް ނިންމައި ޕެނަލްޓީއެއް ދިން ނަމަވެސް، ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި މިލާނަށް ދެ ފުރުސަތެއް ލިބިގެންދިޔަ އިރު، އިންޓައަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. މިލާންގެ ބްރަހިމް ޑިއާޒް އާއި ޖޫނިއާ މެސިއާސް ފޮނުވާލި ހަމަލާ އިންޓަގެ ގޯލާ އަމާޒުވެފައި ނުވާ އިރު، އިންޓަގެ ޖެކޯ ފޮނުވާލި ހަމަލާ މިލާންގެ ކީޕަރު މައިގްނަން ވަނީ މަތަކޮށްފައެވެ.

މެޗުގެ 64 ވަނަ މިނެޓުގައި މިލާނަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އޮލިވިއާ ޖިރޫ ދިން ބޯޅައަކުން އެޓީމުގެ އިޓަލީ މިޑްފީލްޑަރު ސެންޑްރޯ ޓޮނާލީ ފޮނުވާލި ހަމަލާ އަމާޒުވީ އިންޓަ ގޯލުގެ ދަނޑިއަށެވެ.

ޗެމްޕިއަންސް ލީގުގައި އިންޓަ އާއި މިލާން ބައްދަލުކުރާ ސެމީގެ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެ މެޗަށްފަހު އެގްރިގޭޓުން ކުރި ހޯދާ ޓީމެއް ފައިނަލުގައި ނުކުންނަން ޖެހޭނީ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ކުޅޭ ސެމީގެ ދެވަނަ ލެގު މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ރެއާލާއި ސިޓީ އެއްވަރުވެގެންނެވެ.

comment ކޮމެންޓް